ދައުރުތައް ދައްމާލާ ރަސްކަމެއް ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް އެހުމުގެ ބިލު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، މިއީ މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްކޮށްފައިވާ ބިލެއްކަމަށެވެ. ރައްޔިތުންގެ ހިޔާލު ވީހާވެސް ފުޅާ ދާއިރާއެއްގައި ހޯދުމަށް މިއީ ވަރަށް މުހިންމު ބިލެއްކަމަށާއި، ސަރުކާރުން މި ބިލު ހުށައެޅުއްވީވެސް މި މަގްސަދުގައިކަމަށް ފަލާހު ވިދާޅުވިއެވެ.
މިއީ ފާސްވެފައި އޮތުން ލަސްވެފައިވާ ގާނޫނެއްކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، މި ބިލުގައި ވަރަށް ސާފުކޮށް މިކަން ކުރާނެ ގޮތުގެ އުސޫލުތަކުގެ ތަފްސީލުތައް ހިމަނާފައިވާނެކަމަށެވެ. މިއީ އޮޅުވާލެވޭނެ ކަންކަމެއް ނޫންކަމަށާއި، އެއަށްވުރެ ރައްޔިތުންގެ މާ ހޭލުންތެރިކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާއަށާއި، ސަރުކާރަށް އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށްވެސް މި ވޯޓު ނެގުމުގައި ނުހައްގުން އެއްވެސްކަމެއް ކުރުމުގެ ފުރުސަތު ނެތްކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުުރން ފަލާހު ވިދާޅުވީ މި ބިލުގެ ތެރެއިން މީގެ ކުރިން އެއްވެސް ވެރިއަކަށް ކުރަން ނުކެރުނުކަމަކާއިމެދުވެސް ވޯޓަށް އަހާނެކަމަށެވެ. އެގޮތުން ދިމާވިކަމެއްގެ ސަބަބުން ހުވާ ކުރުމަށް އޮންނަ ރަސްމީ ތާރީހު ބަދަލުވުމަށްފަހު، އެ ތާރީހު ކުރިން އޮންނަ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާނެކަމަށް ފަލާހު ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ރިޔާސީ އިންތިހާބާއި، މަޖިލީސް އިންތިހާބު އެއްކޮށްލުމަށްވެސް މި ބިލުން ބާރުދޭނެކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް ރައްޔިތުންނަށް އޮޅޭނެހެން ރިޔާސީ އަދި މަޖިލީހުގެ ދައުރު ދައްމާލާ، ރަސްކަމެއް ކުރުމަށް މި ސަރުކާރުން ނޫޅޭކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، އޭގެ ބަދަލުގައި ބިލުގައި އޮތް ގޮތަށް އަމަލުކޮށްފިނަމަ، މިހާރު ތިއްބެވި މެންބަރުންގެ 6 މަސް ދުވަހުގެ ދައުރު ކުޑަވާނީކަމަށެވެ. އެއީ ރިޔާސީ އިންތިހާބު އޮންނައިރު، މަޖިލީސް އިންތިހާބުވެސް ބާއްވާނެތީކަމަށް ފަލާހު ވިދާޅުވިއެވެ. މިއީ އެމްޑީޕީއަށް ކުރަން ކެރޭނެކަމަށް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މިއާއި ހިލާފަށް އެމްޑީޕީއިން މަސައްކަތް ކޮށްފައި ހުރީ މަޖިލީސް މެންބަރުންގެ މުސާރަތައް ބޮޑުކޮށް، އެތައް މަންފާއެއް ނަގާ ގޮތަށްކަމަށެވެ.
ފަލާހު ވިދާޅުވީ ކޮމިޓީ މަރުހަލާގައި މުހިންމު ބަދަލުތަކެއް، މި ބިލަށް ގެނެސްފައިވާކަމަށާއި، އީސީއިން އެދުނު ބައެއް ފުރުސަތުތައް ދީފައި އެބަހުރިކަމަށެވެ. އެމްޑީޕީއިން މި ބިލަށް ވޯޓުނުދީފިނަމަ، އެބުނެވެނީ ރައްޔިތުންގެ ހިޔާލަށް އަހަން ނުޖެހޭނެކަމަށްކަމަށް ފަލާހު ވިދާޅުވިއެވެ.

