ސަރުކާރުން ކުރާ މަސައްކަތްތަކަށް ތާއީދު ކުރެވެން ނެތީ، އެމްޑީޕީގެ ހުށައެޅުންތަކަށް ރިޔާއަތް ނުކުރާތީ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ހިޔާލަށް އެހުމުގެ ބިލުގެ ކޮމިޓީ ރިޕޯޓު މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެވެ. ބަހުސްގެ މަރުހަލާގައި ނާޒިލް ވިދާޅުވީ، މި ރިޕޯޓުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. މިއީ އެއްވެސް ވަރަކަށް ރައްޔިތުންގެ ހިޔާލަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ރިޕޯޓެއް ނޫންކަމަށް ނާޒިލް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ މި ބިލަށް އެމްޑީޕީއިން ވޯޓު ނުދީފިނަމަ، އެމްޑީޕީގެ މެންބަރުންނަކީ ސަރުކާރާއި ދެކޮޅު ބައެއްކަމަށް ދެއްކުމަށް ޕީއެންސީގެ މެންބަރުން މަސައްކަތް ކުރާކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ ބިލަށް ވޯޓު ނުދޭނީ އެމްޑީޕީގެ ކަންބޮޑުވުންތަކަށް އިޔާއަތް ނުކޮށް ބިލު ފާސްކުރާތީކަމަށެވެ.
ކީއްވެތޯއޭ ކޮމިޓީ ސްޓޭޖުގައި އެއަށް ރިޔާއަތް ނުކުރީ؟ އެ ވާހަކަ ނުދެއްކީ، އެހެންވީމަ އަޅަގަނޑުމެންގެ ކަންބޮޑުވުންތަކެއް އެބަހުރި، އެހެންވީމަ އަޅުގަނޑުމެންނަކަށް ވޯޓެއް ނުދެވޭނެ، ތި ބޭފުޅުން ރައްޔިތުންގެ ހިޔާލު ހޯދަން، ރައްޔިތުންނާއިއެކީގައި މުހުލަތުތަކެއް ދީފާ، 21 ދުވަހާ، 15 ދުވަހުގެ މުހުލަތެއް ދީފަ……
ނާޒިލް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިލް ވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާފައެވެ. އެގޮތުން ފަލާހުގެ ވާހަކައިގައި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަދެ، އެމީހުން ގައިގައި ތަޅައިގަތުމަށް އެމްޑީޕީގެ މެންބަރުން ނޫސްވެރިންނަށް ލަފާދިންކަމަށް ވިދާޅުވެފައިވާތީ ނާޒިލް ވަނީ، އެއީ ކަންބޮޑުވުމެއްކަމަށް ފާހަގަކުރައްވާފައެވެ. މިކަމުގައި އެމްޑީޕީގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް ނާޒިލް ފާހަގަކުރެއްވިއިރު، މަޖިލީހުގެ އެދުވަހުގެ ކޮމިޓީ ސިއްރުކުރުމާއިއެކު، ނޫސްވެރިން އެތަނުން ނެރެފައިވަނީ ގަދަކަމުންނެވެ.
ނާޒިލްގެ ވާހަކަ އެއްކޮށް ނިންމާނުލެވެނީސް، ރިޕޯޓަށް ބަހުސްކުރުމަށް އެމްޑީޕީއަށް ލިބޭ ވަގުތު ހަމަވުމުން މައިކުން ވަނީ އަޑު ކަނޑާލާފައެވެ.

