ޤައުމުގެ ކަންކަން ނިންމުމުގައި ހުރިހާ ރައްޔިތުންގެ އަޑު އިވި، އެ އަޑުތަކުގެ އަގުވަޒަންކުރެވޭކަން ކަށަވަރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދުވަސް ފާހަގަކުރަމުންދާއިރު އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ހިތްވަރު އައުކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ނިންމުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮތްކަން ޔަގީންކޮށް، އެކަން އަގުވަޒަންކުރެވޭކަންވެސް ކަށަވަރުކުރަންޖެހޭ ކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
ޑިމޮކްރަސީގެ އަސާސްތައް ހަނދާން އައުކުރަމުން، ދުނިޔޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއެކު ދިވެހިރާއްޖެ އެއްބައިވަންތަކަމާއެކު ތިބިކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ހާއްސަކޮށް، މިނިވަންކަމާއެކު އަމިއްލަ ކަންކަން ނިންމުމުގެ ހައްގު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އެއްބައިވަންތަކަމާއެކު ތިބިކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތައް ހިމާޔަތްކޮށް، ރައްޔިތުންގެ އަޑު އުފުލުމަށް ދިވެހި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

