މަޖިލީހުން ފާސްކޮށްފައިވާ މީޑިއާ ރެގިއުލޭޝަން ބިލު ތަސްދީގު ނުކުރެއްވުމަށް ޓްރާންސްޕެރެންސީ މޯލްޑިވްސްއިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން އެދިފިއެވެ.
އިއްޔެ ފާސްކުރި މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލުގެ ދަށުން ރައްޔިތުންގެ ހައްގުތަކެއް އުނިވެގެންދާކަމަށް ބުނެ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އަދި ބައެއް ނޫސްވެރިން ވެސް ދަނީ އެއާއި ދެކޮޅު ހަދަމުންނެވެ.
ރާއްޖޭގައި ދެފުށް ފެންނަ މާޙައުލެއް ގާއިމުކުރުމަށް ވަކާލާތުކޮށް މަސައްކަތްތައް ކުރަމުންދާ މަދަނީ ޖަމްއިއްޔާއެއްކަމަށްވާ ޓްރާންސްޕޭރެންސީ އެ ބިލާއިމެދު ކަންބޮޑުވުންތައް ހުރިކަމަށް ފާހަގަކޮށް ބަޔާނެއް އާންމުކޮށްފައެވެ.
ބިލު ފާސްކުރީ މަޖިލީހުގެ ހާއްސަ ޖަލްސާތަކެއް ބާއްވައި އާންމުކޮށް ތާވަލުކުރެވިފައިވާ މަސައްކަތްތަކުގެ ބޭރުންކަމަށް އިޝާރާތްކޮށް އެ ޖަމްއިއްޔާއިން ގޮވާލީ ބިލު ތަސްދީގު ނުކުރެއްވުމަށެވެ.
އެއީ ބިލު ގާނޫނަކަށް ވެއްޖެ ނަމަ އޭގެ ސަބަބުން އަސާސީ މިނިވަންކަމުގެ ހައްގަށާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން ޑިމޮކްރެސީގެ އުސޫލަށްވެސް ނޭދެވޭ އަސަރުތައް ކުރާތީކމަށް ބުނެފައިވެއެވެެ.
އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިޔަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިނަމަ ދޫކޮށްލުމަށް ގޮވާލާފައިވާއިރު އެވެރިންގެ ރައްކައުތެރިކަން ކަށަވަރުކޮށް ފުރައްސާރަތަކަކާއި ކުރިމަތިލާން ނުޖެހޭކަން ޔަގީންކުރުމަށްވެސް ގޮވާލާފައިވެއެވެ. އެ ޖަމްއިއްޔާއިން ވަނީ މަޖިލީހުގެ މަަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މައްސަލަތަކެއް ހުރިތޯ ބެލުމަށް ގޮވާލާފައެވެ. އަދި އެއީ މިނިވަން ވަކި ކޮޅަކަށް ބުރަ ނުވެ ހިންގޭ ތަހުގީގަކަށް ވާންޖެހޭކަމަށް ބުނެފައިވެއެވެ.
ފުލުހުންގެ މުއައްސަސާއިން އިހުތިޖާޖުގެ ބައިވެރިންނާއި ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށް ފާހަގަކޮށް ޓްރާންސްޕެރެންސީން ވަނީ ރަނގަޅު ދެފުށް ފެންނަ ގޮތެއްގެ މަތިން ތަހުގީގުތައް ކުރިއަށް ގެންގޮސް ޖަވާބުދާރީކުރުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައެވެ. އަދި އެފަދަ އަމަލުތަކެއް ހިންގާފައިވާކަމަށް ފެނިގެންދާ ފަރާތްތައް ގާނޫނުގައި ވާގޮތުގެ މަތިން ފުރިހަމައަށް ޖަވާބުދާރީ ކުރުމަށް ގޮވާލި އެވެ.
މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރާއި އެހެނިހެން މަސްލަހަތު ހިމެނޭ ފަރާތްތަކުން ނޫސްވެރިންނާއި ދެމެދު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދަންޖެހޭކަމަށް ބުނެފައިވާއިރު މިނިވަންކަމުގެ ހައްގަށް ހަނިކަމެއް އަންނަ ކޮންމެ މަސައްކަތެއްގައިވެސް މިގޮތުގެ މަތިން މަސައްކަތްކުރެވި ޑިމޮކްރެސީގެ އަސާސްތައް ހިފެހެއްޓި ރައްޔިތުންގެ ހައްގުތައް ރައްކައުތެރިކުރެވިގެންދާކަން ކަށަވަރުކުރުމަށް ޓްރާންސްޕޭރެންސީ ގޮވާލާފައިވެއެވެ.

