އިންޓެލެކްޝުއަލް ޕްރޮޕަޓީ އޮފީސް ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ބައިނަލްއަގުވާމީ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން (ވައިޕޯ) އިން ދިވެހި ސަރުކާރަށް މަރުހަބާ ކިޔައިފިއެވެ.
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ހާމަކުރެއްވި ގޮތުގައި، ވައިޕޯގެ ޑިރެކްޓަރ ޖެނެރަލް ޑެރެން ޓޭންގްވަނީ ރާއްޖޭގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ދާއިރާއަށް ގެނެވުނު ކުރިއެރުންތަކަށް ޚާއްސަ ތައުރީފެއް ކުރައްވާފައެވެ. މީގެ ތެރޭގައި ކޮޕީރައިޓް އެކްޓަށް ގެނެވުނު އިސްލާހުތަކާއި، ޓްރޭޑްމާކަށް ޚާއްސަ ބިލެއް އެކުލަވާލާފައިވުން ހިމެނެއެވެ.
އިގްތިސާދީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ފުރަތަމަ ފަހަރަށް ބާރން ކޮންވެންޝަންގައި ބައިވެރިވެފައިވުމަކީވެސް ވައިޕޯއިން މަރުހަބާ ކިޔާފައިވާ ކަމެކެވެ. މި ހުރިހާ ކާމިޔާބީތަކަކީ ”ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ލީޑަރޝިޕްގެ ހެއްކެއް“ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި ގާނޫނީ އޮނިގަނޑުގެ ސަބަބުން ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ކުރިއަރައި، އިންޓެލެކްޝުއަލް ޕްރޮޕަޓީ މެދުވެރިކޮށް އިގްތިސާދީ ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތައް އިތުރަށް ބާރުވެރިވެ، އެކްސްޕޯޓް ވިޔަފާރިއަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

