މީހުންނަށް ޢީބަ ބުނުމަކީ ކުރި ހެޔޮކަންވެސް ގެއްލޭކަމެއްކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދެއްވައިފިއެވެ.
”މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ“ މި މައުޟޫއަށް ހާއްސަކޮށްފައިވާ މިއަދުގެ ހުތުބާގައި، ދިވެހި މުޖުތަމަޢުގެ އަޚުލާޤީ އަދި އިޖުތިމާޢީ ޙާލަތަށް އަލިއަޅުވައިލާ، ގިނަ ކަންކަމަށް ނަސޭހަތްތެރިވެފައިވެއެވެ.
ހުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި މުޖުތަމައުއަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބައެކެވެ. އަދި މިއީ އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާއެކު، ދިރިއުޅެމުން އައި މުޖުތަމައުއެއްކަންވެސް ފާހަގަކުރައްވައިފައިވެއެވެ. ނަމަވެސް ފަހުގެ ތާރީޚުގައި، މުޖުތަމަޢަށް އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެއާމެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރާންޖެހިފައިވާކަމެއްކަމަށް ހުތުބާގައި ބަޔާންކުރައްވައިފައިވެއެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވުންކަމަށް ހުތުބާގައި ފާހަގަކުރައްވައިފައިވެއެވެ. އަދި މުސްކުޅިވީ ދުވަހު އެ ބައިމީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުންކަމަށެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެއްކަމަށާއި، އެ ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުންކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މާނައީ: ”އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުން ވަނީ، ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ أمرކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ.“ ކީރިތި ޤުރްއާނުގެ ތިން ސޫރަތެއްގައި މި ގޮތަށް ވަޞިއްޔަތްކުރައްވައިފައި ވުމުގެ އިތުރުން އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައިވާކަން ހުތުބާގައި ބަޔާންކުރައްވައިފައިވެއެވެ.
ހުތުބާގައިވެއެވެ.
މީގެ އިތުރުން ހުތުބާގައިވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭކަމެއްކަމަށާއި، އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެއްކަމަށެވެ. އަދި ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސްކަމަށެވެ. މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއްކަމަށް ފާހަގަކުރައްވާ، މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާނެކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. މިކަން މިހެން އޮތް ހިނދު، މިކަން ހަނދާންނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅާނުލައި، ދޫކޮށްފައިވަނީ ކިތައް މީހުންތޯ ހުތުބާގައިވަނީ ސުވާލު އުފައްދާފައެވެ.
ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ މީހުންނަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އެގޮތުން މަރުގެ ވޭންވަރުގެ ތެރެއަށް ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން ވިސްނުން ބަދަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށް ޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީވެ، އޯގާތެރިވުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މިސްކިތުގެ ޙުރުމަތް ކަނޑައިލުން ހިމެނޭކަން ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ. ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހިގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާބެހުމާއި، ދޮގުވާހަކަތައް ފެތުރުމާއި، މިފަދަ ކަންކަންކުރާ މީހުންނާ މެދު ސުވާލު އުފައްދަވާ، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ކޮބައިތޯ ބަޔާންކުރައްވައިފައިވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ނަމާދުކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށް ދާކަން ފާހަގަކުރައްވާ، މިކަންކަމާމެދު ވިސްނައިލުމަށް ގޮވާލައްވާފައިވެއެވެ. އަދި މިފަދަ ކަންކަންކުރާ މީހުން ޙައްޤުގެ މަގަށް އެނބުރި އައުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން ހުތުބާގައިވަނީ ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެއްކަމަށާއި، އެކަމުގެ ދަރުމަ ބޮޑުކަމަށެވެ. އަދި ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލަޢުނަތް ލައްވައިފައިވާ އެކަމުގެ ޢަޛާބު ބޮޑުކަމެއްކަމަށް ހަނދާންކޮށްދެއްވައިފައިވެއެވެ. ވިޔަފާރި މުދަލުން ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތްލައްވާ ކަމެއްކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ހުތުބާ ނިންމަވާލައްވަމުން، މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އީމާންކަމުގެ ތެރެއިންވާކަމެއްކަންވެސް ހަނދާންކޮށްދެއްވައިފައިވެއެވެ.

