ލޯކަލް ޓޫރިޒަމް މެދުވެރިކޮށް އެންމެ ބޮޑު ޓެކްސްއެއް ދައްކާ ވ. ފުލިދޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ހަތަރު އަތޮޅަކަށް ހަތް ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ފުރާވަޑައިގަތީ މިއަދު އެވެ. ވ. އަތޮޅުގެ ރަށްތަކުން ފުލިދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ރަށުގައި އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮގުގައި ފުލިދޫ އަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދުގައި ބޮޑުހިއްސާއެއް އަދާކުރާ، ރަށެކެވެ. އަދި މިއީ ޑޮލަރު ދައުރަވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރު ފެލިދޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ދެއްވާފަ އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މިއަދު ފުލިދޫގައި އަމަލީ މަސައްކަތްފެށި ސިއްހީ މަރުކަޒުގައި ވަސީލަތްތައް އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފަ އެވެ. އެގޮތުން ޕްރޮޖެކްޓު ނިމޭއިރު ސިއްހީ މަރުކަޒުގައި 20 އެނދު ހުންނާނެކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅުމަށް ފުޓްސަލް ދަނޑެއްގެ ހެދުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.
ރައީސް މުއިއްޒާއި ދައުލަތުގެ ވަޒީރުން ފުލިދޫއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން، އެ ރަށުގައި ވަނީ ބީއެމްއެލް އޭޓީއެމްގެ ހިދުމަތްފަށްޓަވައި ދެއްވާފަ އެވެ. އިތުރު މަސައްކަތެއްގެ ގޮތުން ރަށުގެ ޒަމާންވީ ހައްލު ނުވެ، އޮތް ބަނދަރުގެ އަމަލީ މަސައްކަތް ވެސް ފައްޓަވައިދެއްވުން ހިމެނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ވ. އަތޮޅާއި، މ. އަތޮޅު އަދި ފ. އަތޮޅުގެ އިތުރުން ތ އަތޮޅުގެ ރަށްތަކަށެވެ.

