މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އެއްވެސް ނޫސްވެރިއެއް ނުވަތަ މީހެއްގެ ހައްގެއް ނިގުޅައިގަނެވިފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދަޅުވީ، މިވަގުތު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އޮތް ޖަލްސާއެއްގަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން މިރޭ ފެލިދޫގައި އޮތް ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަމެއް އަންނަ ގޮތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެކަމަށެވެ. ރައީސް ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތި، މީހެއްގެ އަބުރަށް ބެލުމެއް ނެތި ވާހަކަތައް ލިޔުމަކީ ރައްޔިތުން ބޭނުންވާ ގޮަތެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ކަންކަމުގެ ހަގީގަތްް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭން މީޑިއާތަކަށް ޖާގަ އެބައޮތް ކަމަށެވެ. މިއީ އެއްވެސް ހިފެހެއްޓުމެއް ނެތި، ކޮންމެ ނޫސްވެރިއަކަށް ވެސް ލިބިގެންވާ ހައްގެއްކަމަށާއި އެހެން ނަމަވެސް އަނެކާއާއި މެދު އެއްވެސް ހަގީގަތެއް ބެލުމެއް ނެތި ބޭނުންވާހާ ވާހަކައެއް ނުލިޔެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
ކަންކަމުގެ ހަގީގަތް ގެނެސްދިނުމަށް، ތަންމިނަށް އެންމެ ފުޅާމިނަށް ޖާގަ އެބައޮތް.. އެއްވެސް ހިފެހެއްޓުމެއް ނެތް.. އެއްވެސް ހިފެހެއްޓުމެއް ނެތް.. ލިޔަންވީ ބޭނުން ވަރަކަށް ލިޔަންވީ، އެކަމަކު ދޮގު ވާހަކައެއް ނުލިޔެވޭނެ، އަނެކާއާއި މެދު ހަގީގަތެއް ބެލުމެއް ނެތި ދޮގު ވާހަކައެއް ނުލިޔެވޭނެ.. އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން.. މިއީ މާތްވެގެންވާ އިސްލާމް ދީނަށް ތަބައަވާ ސައްތައިން ސައްތަ އިސްލާމީ ގައުމެއް..
ދިވެހި ރައްޔިތުން ބޭނުން ވަނީ އެކަކު އަނެކަކަށް އިހުތިރާމް ކުރާ، ހަމަޖެހޭ މާހައުލެއް އޮތުމަށްކަމަށް ރައީސް ވިދާޅުވި އެވެ. މި ހަމަޖެހުން ނަގާލުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ އުސޫލުގައި ނުހިފެހެއްޓި ދިއުމުން، ހަދަން ޖެހޭ ގާނޫނުތައް ހަދާނެކަމަށެވެ. އެކަމަކު އެއީ އެއްވެސް ހާލަތެއްގައި ހައްގެއް ގެއްލުވާލައި، އެއަށް އަރައިގަތުމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވީމަ ހަދަން ޖެހޭ ގާނޫނުތައް ވެސް ހަދާނެ.. މިއީކީއެއް އެ މީހަކަށް ލިބިގެންވާ ހައްގެއް ނިގުޅައިގަތުމެއް ނޫން.. މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ހައްގު އޮންނާނެ.. އެ ދާއިރާއިން ކުރަން ޖެހޭކަމެއް ޒިންމާދާރުކަމާއި އެކު ކުރުމަށް.. މިފަހުން ފާސްވެގެން ދިޔަ ގަނޫނަކަށް، އެ ގާނޫނުގައި އޮތީ އެ ވާހަކަ އެކަނި.. އެ ވާހަކަ އެކަނި އޮތީ، ތެދު ބަހުން ބޭނުން އެއްޗެއް ލިޔެވޭނެއޭ.. ރިޕޯޓު ކުރެވޭނެއޭ، އެކަމަކު ދޮގު ބަހަކުން ދޮގު ވާހަކައެއް ސާބިތު ނުކުރެެވޭ ވާހަކައެއް ނުލިޔެވޭނެއޭ.. ސާބިތު ކުރަންޖެހޭ ވާހަކައެއް ނަމަވެސް، އޭގައި ލިޔަން އެބަޖެހޭ މިއީ ތިމަންނައަށް އަދި ކަށަވަރުވާ ވާހަކައެއް ނޫނޭ..
ރައީސް ވިދާޅުވީ ހަބަރެއްގެ ސައްހަކަން ކަށަވަރު ނުވާނަމަ، އެކަން ހަބަރުގައި ހިމަނަން ޖެހޭ ކަމަށެވެ. އަދި މިހާތަނަށް މި ގާނޫނު ތަފްސީލުކޮށް ކިޔާފައިވާ ނޫސްވެރިއެއް ވެސް ނެތްކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެހެން މީހަކު ދައްކާ ވާހަކައެއް ގަބޫލުކޮށް، އެއީ ރަނގަޅު ގޮތްކަމަށް ދެކިގެން ތިބުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ހަމަ އަނެކަކު ދެއްކި ވާހަކައެއް ގަބޫލުކޮށްލައިގެން މި ތިބެނީ.. މިއޮތީ ދިވެހި ބަހުން ލިޔެފައި، އެއްކޮޅުން އަނެއްކޮޅުން ކިޔާލީމައި ނުފެންނާނެ، މިނިވަންކަން ނިގުޅައިގެންފައި އޮތް ވާހަކައެއް..
ތަކުރާރުކޮށް ރައީސް ވިދާޅުވީ ދޮގު ވާހަކަތައް ބޭނުން ގޮތަކަށް، ލިޔަމުން ގެންދިއުމަކީ އެއީ މިނިވަންކަމެއް ނޫން ކަމަށެވެ. މިއީ މީޑިއާއެއް ނޫނަސް އެއްވެސް ބަޔަކަށް އޮތް ހައްގެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީހަކު ހަބަރެއް ހިފައިގެން އައުމުން، އޭގެ ތެދު ދޮގު ބެލުމަކީ އިސްލާމް ދީން ވެސް އަންގަވާފައިވާ ގޮތް ކަމަށެވެ. އަދި އިންސާނުންނަށް ވީތީ ވެސް މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތް ކަމަށާއި ތިމާގެ އަބުރަކާއި އާއިލާއެއް އޮތް ބީދައިގެން އެހެން މީހުންގެ ވެސް އާއިލާއެއް އޮތްކަން ދަންނާން ޖެހޭކަމަށެވެ.
ދޮގު ހަބަރުގެ ސަބަބުން އެތައް އާއިލާއެއް ރޫޅި، ބިކަވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ހަގީގަތް ނުބަލައި ހިތަށް އައިހާ ވާހަކައެއް ނުލިޔެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

