ރާއްޖޭގައި ގަވައިދާ ހިލަފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، ވަގުތުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނުން ފެށި އޮޕަރޭޝަނުގައި 24 ބިދޭސީން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި މައުލޫމާތުގައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ޓާސްކްފޯސްއިން ހިންގި ހާއްސަ ހަރަކާތުގައި މާލޭގެ 9 ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 24 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ވަޢުދުފުޅާ އެއްގޮތަށް، މި ހަރަކާތްތައް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އަމާޒުކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަންގެ ވާހަކަ ރައީސް ވަނީ ދާދިފަހުން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޒަމާނުއްސުރެ ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަ ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާތަނަށް އޮތީ ރާއްޖޭގައި އުޅެނީ ޖުމްލަ ކިތަށް ބޭރު މީހުންކަން އޮތީ ދެނެނުގަނެވި ކަމަށެވެ. ނުގަވައިދުން އުޅޭ ބިދޭސީންނާއި، ގާނޫނާއި ހިލާފު ވިޔަފާރިތައް ކުރާ ބިދޭސީންގެ ވާހަކަތައް ދައްކާ މިންވަރު އިތުރުވަމުން އައި ނަމަވެސް އެއްވެސް ސަރުކާރަކުން މި މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ބައެއް ބިދޭސީންގެ ސަބަބުން، އާންމު ރައްޔިތުން ކުރާ ވިޔަފާރިއަށް ވެސް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށެވެ. އަދި ކުދި ވިޔަފާރިތަކުގެ ތެރެއަށް ނުގަވައިދުން ވަދެ، ގާނޫނާއި ހިލާފަށް އެތައް މަސައްކަތެއް ކުރަމުން ގެންދިޔަ އިރު އެކަން ހުއްޓުމަށް އެޅުނު ހަރުކަށި ފިޔަވަޅެއް ނެތްކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބައެއް ބިދޭސީންތައް ވިޔަފާރި ކުރަމުން ދަނީ މަގުތައް މަދީ ކުދިކުދި ތަންތަން ހުޅުވައިގެން ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. ވަކިން ހާއްސަކޮށް މާލޭގައި މިކަން ބޮއްސުންލާފައިވާ އިރު، އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ވެސް މިކަންކަން އާންމުވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

