އެ ރަށެއްގެ އާބާދީގައި މީހުން ދިރިއުޅޭ މިންވަރު މަދުވުމުގެ ސަބަބުން، އެއް ރަށުން އަނެއް ރަށަށް ބަދަލު ކުރުމުގެ ސިޔާސަތެއް ގެންގުޅުނު ނަމަވެސް ރައްޔިތުންގެ ސީދާ ބަސް ހޯދައިގެން ނޫން ގޮތަކަށް ތަންފީޒު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދެ ރަށެއްގެ ރައްޔިތުން އެގޮތަށް ބަދަލު ކުރުމާއި މެދު ވަނީ ވާހަކަ ދެކެވިފަ އެވެ.
ބައެއް ރަށްތަކުގެ ބައްދަލުވުންތައް ކުރިޔަށް ގެންދާއިރު، ރައްޔިތުންނަށް ރައީސަށް ކަންބޮޑުވުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަ އެވެ. އެގޮތުން ވ. ރަކީދޫއާއި، މ. ރަތްމަންދޫގެ ރައްޔިތުން ބަދަލު ކުރުމުގެ ބަހުސެއް އޮތީ އުފެދިފަ އެވެ. އަމިއްލަ އުފަން ރަށް ދޫކޮށް ބަދަލުވުމަށް ބައެއް ފަރާތްތަކުން ދެކޮޅު ހަދާއިރު އެކަމުގައި މާބޮޑު ދެބަސްވުމެއް ނެތީ ރަކީދޫގަ އެވެ.
ރަކީދޫގެ ރައްޔިތުން ބުނީ ސަރުކާރުން ރައްޔިތުން ބަަދަލު ކުރުމަށް ނިންމާ ރަށަކަށް ދާން ތައްޔާރު ކަމަށެވެ. އެހެން ނަމަވެސް ރަކީދޫގައި މިވަގުތު ދިރިއުޅޭ 61 ރަށްވެހިން ވެސް ބޭނުން ވަނީ މާލެއާއި ކައިރިއަށް ބަދަލުވުމަށެވެ. އެ ރައްޔިތުން ދޭ އެއް ރަށަކީ ކ. ތުލުސްދޫ އެވެ. އެހެން ނަމަވެސް އާންމުން ދިރިއުޅޭ ރަށަކަށް ދާން ބޭނުން ނުވާތީ ރަސްމާލެ ޕްރޮޖެލްޓުގައި ބައެއް ފަރާތްތަކުން ހިމެނެން ބޭނުންވެ އެވެ.
މި ރަށުގައި މާބޮޑު ހިޔާލުތަފާތުވުމެއް ނެތް ނަމަވެސް، ރަތްމަންދޫ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވި އެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު ވިދާޅުވީ ރަށުގައި ތިބި ބައެއް ރައްޔިތުން ބޭނުން ވަނީ ހިޖުރަ ކުރުމަށް ނަމަވެސް އެކަމަށް އެއްވެސް މިންވަރަކަށް އެއްބަސް ނުވާ އާއިލާތައް ވެސް އެބަތިބި ކަމަށެވެ. އެހެންވެ ނާހިދު ހުށަހެޅީ ރަސްމީ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތަކީ ކޮބައިތޯ ބަލައި، ސަރުކާރުން ސީދާ ގޮތެއް ނިންމުމަށެވެ.
މި މައްސަލައިގައި ސަރުކާރަށް ޕެޓިޝަނެއް ވެސް ހުށަހަޅައި، މަޝްވަރާއަށް އެދިފައި ވެއެވެ. އެހެން ނަމަވެސް ރަށުގެ ހަރު އުމުރުގެ ދުވަސްވީ މީހުން އެ ވިސްނުމަށް ވަރަށް ބޮޑަށް ދެކޮޅެވެ. އަދި ބައެއް ޒުވާނުން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ.
މި ހިޔާލުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ހިޖުރަ ކުރުމަށް ބޭނުންވެ، ރައްޔިތުން ގޮތް ނިންމައިފި ނަމަ ސަރުކާރުން އެކަމަށް ފަހިކޮށްދޭނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން ކަމަށެވެ. އަދި މިކަން ކުރިޔަށް ގެންދާނީ، މިފަދަ ގޮތަކަށް ވާހަކަ ދެއްކުމަށް ވުރެ ބޮޑަށް ތަރުތީބު ކުރެވި ރޭވުންތެރިކަމާއި އެކުކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ ރަތްމަންދޫން ރައްޔިތުން ބަދަލު ކުރާނަމަ، ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ވޯޓެއް ނަގާނެކަމަށެވެ. އަދި އެކަން ފާސްވާނީ، އާބާދީގެ 80 އިންސައްތައިގެ ރުހުން ލިބިގެންކަމަށް ރައީސް ވިދާޅުވި އެވެ.
އެހާ ހިސާބުން ކޮންމެ ގެއަކަށް ވެސް 3 ކޮޓަރިއާއި އެކު އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބަދަލު ކުރާނީ، ހިޖުރަ ކުރާ އައިލާތަކަށް މިހާރު ދެމުން ދާ ބައިލައްކަ ރުފިޔާގެ އަދަދު ބޮޑުކޮށްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރަތްމަންދޫގައި މިހާރު ދިރިއުޅެމުން ދަނީ 70 މީހުންނެވެ. ބަދަލުވާން ދެކޮޅު މީހުން ބުނީ ރަށުގައި ހިދުމަތްތައް ރަނގަޅުކޮށް، ރަށުގައި ތިބެވޭނެ ގޮތް ފަހި ކުރަން ޖެހޭ ކަމަށެވެ.
މިއަދުގެ ބައްދަލުވުން ގަޑިއިރަަކަށް ވުރެ ގިނަ އިރު ނެގި އެވެ. އަދި ބައެއް ވަގުތުތަކުގައި، ބައްދަލުވުން ހޫނުވެސް ވި އެވެ. އަދި އެއަށްފަހު ބައްދަލުވުން ނިންމާލައި ނިކުތް ވަގުތު ހިޔާލުތަފާތުވުން ފަރާތްތައް ދެމެދު ބަހުގެ ހަމަލާތައް ވެސް ރައްދު ކުރި އެވެ. އެއަށް ފަހު ރައީސް ފުރާވަޑައިގަތުމަށް ބަނދަރާއި ގާތްވުމުން، ރަށުން ބަދަލުވުމާއި ދެކޮޅު ބައެއް ފަރާތްތަކުން ވަކިން ބައްދަލު ކުރައްވައި ރަށުގައި ތިބެން ބޭނުންވާކަމަށް ބުންޏެވެ.
ރައީސް ވަނީ ވަގުތު ދެއްވައި އެ ކަންބޮޑުވުންތައް ވެސް އަޑުއައްސަވާފަ އެވެ.

