ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތައް އެންމެ ބޮޑަށް ގުޅިފައި ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވައި އެކަންކަން ހައްލު ގެނެސްދިނުމެވެ.
އެގޮތުން ރަށްތަކަށް ދަތުރު ކުރައްވައި އެ ރަށެއްގެ ކައުންސިލާއި އެކު ބައްދަލުވުންތައް ބާއްވައި، ރަށުގެ އިޖްތިމާއީ ތަރައްގީއަށް މަސައްކަތް ކުރުމުގައި ކައުންސިލަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާކަން ފާހަގަކުރެވެ އެވެ. އެއަށް ފަހު ރައްޔިތުންނާއި ބައްދަލު ކުރައްވައި އެމަނިކުފާނު ދޭ ޔަގީންކަމަކީ، ކަންބޮޑުވުންތައް ހައްލުކޮށް ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށްވީ ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށެވެ.
މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ހިންގުމުގައި ސަރުކާރަށް ދަތިތަކެއް ދިމާވީ އިގްތިސާދީ ގޮތުން ހުރި ސަބަބުތަކާއި ހުރެ ނަމަވެސް އެކަންކަމުން އަރައިގަނެވި ހާލަތު ރަނގަޅުވަމުންދާކަމަށް ވެސް ސަރުކާރުން ބުނެ އެވެ. ރައީސް މުއިއްޒު މިވަގުތު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތައް ކަނޑައެޅިފައިވާ ގޮތަށް ޝެޑިއުލްއަށް ކުރިޔަށް ދާނަމަ ވެރިކަަމަށް ދެ އަހަރު ފުރޭއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ދެ ފަހަރު ދަތުރު ކުރެވޭނެ އެވެ.
މި މަހުގެ 19 އިން 26 އަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ހަތަރު އަތޮޅަކުން 31 ރަށަކަށް ވަޑައިގަންނަވާނެ އެވެ. އަދި މިއަދުގެ ހަވީރު ހުންނެވީ ތ. އަތޮޅުގަ އެވެ.
ދުވަސް ފަށައިގަންނަމުން އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މ. ކޮޅުފުށިއަށް ވަޑައިގެން ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށްޓަކައި މުހިންމު ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކުރިޔަށް އޮތީ ތަރައްގީގެ އިތުރު ފުރުސަތުތަކެއް، ލިބޭނެ ދުވަސްތަކެއްކަމަށް ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި އާންމު ރައްޔިތުންނަށް ވެސް ކަންބޮޑުވުންތައް ހުށަހެޅުމަށް ހުޅުވާލަ އެވެ. އޭގެ ކުރިޔަށް ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ ކޮޅުފުށީގެ ތަރައްގީއަށް ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހައުސިން ޔުނިޓު ޕްރޮޖެކްޓު ހިމެނޭ ކަމަށެވެ. އެގޮތުން މި ޔުނިޓުތައް ބޭނުން ކުރަން ފެށުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ހިދުމަތްތައް ފުރިހަމަކޮށް އެ ހިދުމަތްތައް ފޯރުކޮށްދީ ނިންމުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުއެއް ކުރިޔަށް ގެންގޮސް ދެއްވާނެކަމަށެވެ. އަދި އަަމިއްލަ ގޯތީގައި ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ފާރާތްތަކަށް ވެސް ފުރުސަތު އޮންނާނެކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ގޮތުގައި މި ސަރުކާރުން ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓުތަކުގެ ކުލި ވެސް ވަނީ ކުޑަކުރެވިފަ އެވެ.
ރަށުގެ ރައްޔިތުންގެ ފަރާތުން ރައީސަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ކަރަންޓުގެ މައްސަލަ ހައްލު ނުވުން ހިމެނެ އެވެ. އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މައްސަލައަށް ދާއިމީ ހައްލެއް ގެންނަވާނެ ކަމަށެވެ.
އިތުރު އެހެން ކަންކަމުގެ ގޮތުގައި ދެން ރައީސް ފާހަގަކުރެއްވީ ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ހެލްތު ރޫމާއި، ލައިބްރަރީ އަދި އިތުރު އެހެން ވަސީލަތްތައް ފުރިހަމަކުރެވިފައިވާ އިމާރާތެއްގެ މަސައްކަތް ކުރުމެވެ. މި ޕްރޮޖެކްޓު ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފަ އެވެ.
ބައްދަލުވުވުމުގައި ވާހަކަ ދެއްކި އާންމުންގެ މީހަކު ވަނީ ރަށުގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި އެމަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަކީ ކަންބޮޑުވުމެއްކަމުގައި ބުނެފަ އެވެ. މިހެންވުމުގެ ސަބަބުން އެކަށީގެންވާ ފައިދާއެއް ނުލިބޭތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާކަމަށް އޭނާ ބުންޏެވެ.
ރައްޔިތުން ފާހަގަކުރި އިތުރު އެހެން ކަންބޮޑުވުންތަކޔުގެ ތެރޭގައި ރަށުގެ ތަރައްގީއަށް އިއުލާނު ކުރި ބައެއް ޕްރޮޖެކްޓުތައް ކުރިޔަށް ނުގޮސް އޮތުން ހިމެނެ އެވެ. އަދި ކޮޅުފުށިއަކީ ވެސް ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާ ރަށަކަށް ވާތީ ބަނދަރު ތަރައްގީކޮށްދިނުމަށް ހުށަހެޅި އެވެ.
ރަށުގައި ރަނގަޅު ބޭސްފަރުވާ ކުރެވޭނެ ވަސީލަތެއް ނެތް އިރު، އެ ރަށާއި ކައިރީގައި ނުވަތަ އަތޮޅުގައި ވެސް ރަނގަޅު ހިދުމަތެއް ނުދެވޭކަމަށް އޭނާ ބުންޏެވެ.
މި ކަންބޮޑުވުންތައް އަޑުއައްސަވައި ރައީސް ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން މި ކަންކަމަށް ހައްލު ގެނެވޭނެ ކަމަށެވެ.
ރައީސް ވަނީ އާރުޓީއެލްގެ ހިދުމަތް އަތޮޅުގައި ފެށިގެން ދާނެކަން ވެސް މިއަދު އިއުލާނު ކުރައްވާފަ އެވެ.
މީގެއިތުރުން ފަތުރުވެތިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ނުފެށި ހުރި ރަށްތަކުގެ މައްސަލައިގައި މަގެއް ހޯއްދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

