30 މަސްދުވަސް ތެރޭ ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް ނިމޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްޤީ ކުރުމަށް ބިންހިއްކުމުގެ މަސައްކަތް ރަސްމީގޮތުން ފައްޓަވައި، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ.
މީގެ އިތުރުން، ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް ޢަމަލީ ގޮތުން ފައްޓަވައި، ގިނަވެގެން އަށާރަ މަސްދުވަސް ތެރޭ، ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާއި ހަވާލު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، ނިމިފައިހުރި ހައުސިންގ ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ޙައްޤުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.
ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ޙައްލުކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް ގެ އޭ.ޓީ.އެމް ޚިދުމަތް ފައްޓަވައިދެއްވައި، އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުގެ ޚިދުމަތް ލިބޭނޭ ކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް އެ ރަށުގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ އެ ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއްވެސް ޤާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވަނީ ވިލުފުށީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތްވެސް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.

