ފަނޑިޔާރުންނަށް ޤާނޫނީ ގޮތުން ލިބޭ ބާރުވެރިކަމަކީ އެހެން ބައެއްގެ މައްޗަށް ބާރުވެރިކަން ހިންގުމަށް ލިބޭ ފުރުސަތެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސަމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ، ފަނޑިޔާރުންގެ އަހުލާގީ މިންގަނޑާއި ގުޅޭ ގޮތުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ކޯޓުގެ މާހައުލަކީ އެތަނަށް ޚިދުމަތް ހޯދަން އަންނަ ކޮންމެ ފަރާތްތަކަށް އެންމެ މަތީ ފެންވަރުގައި ޚިދުމަތް ދޭން ޖެހޭ ތަންތަންކަމަށެވެ. ފަނޑިޔާރަކަށްވީތީ ލިބޭ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ދުރުވުމަށް އުއްތަމަ ފަނޑިޔާރު ނަސޭހަތްތެރި ވެވަޑައިގެންނެވި އެވެ. އަދި މިއީ ހަމައެކަނި ޤާނޫނުތަކުން ހުކުމް ކުރުމަށް ލިބޭ ޤާނޫނީ ބާރުތަކެއްކަމަށް ވިދާޅުވިއެވެ.
ހަޤީޤަތުގައި ފަނޑިޔާރަކަށް ވުމަކީ ކޯޓުގެ އިސް އޮފިޝަލަކަށް ވުމަކީ އެހެން ބައެއް މައްޗަށް ބާރުވެރިކަމެއް ލިބުމެއް ނޫން. ފަނޑިޔާރުންނަށް ލިބޭ ބާރުވެރިކަމަކީ އެމީހުންނަށް ޤާނޫނުތަކުން ހުކުމް ކުރުމަށް ލިބޭ ޤާނޫނީ ބާރުތައް. އޭގެ ބޭރުން ކޯޓުގެ މާހައުލުގައި އެއްވެސް ކަމެއް ކުރެވިގެން ނުވާނެ.
މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި އެއް ފަނޑިޔާރަކު އަނެއް ފަނޑިޔާރަކާއި ހިޔާލު ތަފާތުވުމަކީ އެކަށީގެންވާކަމެއްކަމަށާއި، އެފަދަ ހާލަތްތަކުގައި މަސައްކަތް ކުރަންވާނީ ހައްލު ހޯދުމަށްކަމަށް ޢަބްދުލްޣަނީ ވިދާޅުވިއެވެ.
ފަނޑިޔާރުން ހިފަހައްޓަން ޖެހޭ މުހިންމު ސުލޫކީ މިންގަނޑުތަކެއް ހުންނަކަމަށް ފާހަގަކޮށް އެމަނިކުފާނު ވަނީ ރިވެތި އަޙްލާގެއްގެ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ. އެއީ ކޮންމެ ފަނޑިޔާރަކުވެސް ވަކި ހަމަތަކެއްގައި ހިފަހައްޓައިގެން ހާސިލް ކުރެވޭނެ ލަނޑުދަޑިއެއްކަމަށް ވެސް ވިދާޅުވިއެވެ.

