ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ އެންމެ ފަހު އަޑުއެހުން އަވަސްކޮށްފިއެވެ.
މި ދައުވާގެ ފަސް ވަނަ އަޑުއެހުން މިދިޔަ ބުދަ ދުވަހު ވަނީ ބާއްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެ މާއްދާގެ ށގެ ދަށުންނެވެ.
އެ ޝަރީއަތުގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން މި މަހުގެ 10 ވަނަ ދުވަހު ބާއްވާނެ ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ގާޒީ ހައިލަމް އިއުލާން ކުރެއްވިއެވެ. އެކަމަކު މިހާރު ވަނީ އެ އަޑުއެހުން ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފަ އެވެ.
އަޑުއެހުން އަވަސް ކުރުމާއި ގުޅޭގޮތުން ސަންގަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ކޯޓަށް ޗިޓު ލިބިފައިވާ ކަމަށާއި، އޭގައި ވާގޮތުން ޝަރީއަތުގެ އަޑުއެހެން އޮތީ މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީވީން ލައިވްކޮށް ބްރޯޑްކާސްޓްކުރާ އެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ މިދިޔަ ހަފުތާގައި ވަނީ ނިމިފަ އެވެ.
ޚުލާސާ ބަޔާން ހުށަހެޅުމުން މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައި، 30 ދުވަސް ތެރޭގައި ހުކުމް ކުރަން ޖެހޭނެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ ހގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކަށެވެ. އަދި އެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކަމަށާއި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށެވެ.
އެސްއޯއެފްއިން ޖަމާކުރި ފައިސާ ފޮރުވައި އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތް ނުކުރައްވާކަން ތަކުރާރުކޮށް ރައީސް ޔާމީންވެސް ވަނީ ފާހަގަުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހަދައި ފައިސާ އެ އެކައުންޓްގައި ބަހައްޓަން ނިންމެވީ ހެޔޮ ނިޔަތެއްގައި ކަމަށެވެ. އަދި އެކަމަކީ އޭސީސީއިން ކުރި ކަމެއް ނޫން ކަމަށާއި ދައުލަތަށް ގެއްލުނު ފައިސާއެއް ހޯދަން އޭސީސީއިން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވަކީލް ވިދާޅުވި ގޮތުގައި މި ދައުވާއަކީ ސާބިތުކުރުމަށް ވަރުގަދަ އެއްވެސް ހެއްކެއް ނެތްއިރު މިއީ ޕީޖީގެ މަގާމު ދިފާއު ކުރެއްވުމަށް ކުރައްވާފައިވާ ދައުވާއެކެވެ. މުޅި ހާދިސާގައި ވެސް ރައީސް ޔާމީން އަމަލު ކުރައްވާފައިވަނީ ތެދު ނިޔަތުގައިކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ވެސް ސާބިތުވާ ކަމަށް ވަކީލުންވެސް ވަނީ ވިދާޅުވެފައެވެ.
މަމީ ލޯންޑްރިން ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

