އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ 80 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ފެއްޓެވުމާއިއެކު ރާއްޖޭގެ ވަފުދުން އެ މަޖިލިސް ދޫކޮށް ނިކުމެއްޖެއެވެ. މި ގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ޓޫރިޒަމް މިނިސްޓަރު އަހްމަދު ޠާރިގު އަދި ދިވެހި ސަރުކާރުގެ ވަފުދުގެ އެހެން މެންބަރުން ވެސް މަޖިލިސް ދޫކޮށް ވަޑައިގެންނެވިއެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން މަޖިލިސް ދޫކޮށް ނިކުމެފައިވާ ކަމަށާއި ”ރާއްޖެއިން އަބަދުވެސް ފަލަސްތީނާއިއެކު އޮންނާނެ“ ކަމަށެވެ.
އދ. ގެ 80 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވި ގިނަ ވެރިން ވަނީ އިސްރާއީލުން ހިންގާ ގަތުލުއާންމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި އެ ގައުމުން ހިންގާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލާފައިވާއިރު، ނަތަންޔާހޫ މަޖިލީހުގައި ތަގުރީރު ކުރަން ފެށުމާއިއެކު، ގިނަ ގައުމުތަކުން ވަނީ މަޖިލިސް ދޫކޮށް ގޮސްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވީ ނަމަވެސް، އޭނާއަށް އާންމު މަޖިލީހަށް އައިސް ތަގުރީރުކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމެރިކާއިން ވިސާ ނުދިނުމުގެ ސަބަބުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސަށް އދ. އަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ.
މި ހާލަތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވީ ވީޑިއޯ މެދުވެރިކޮށެވެ.

