ގަވައިދާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިހުރި ގިނަ އަދަދެއްގެ ސައިކަލާއި ހަވާލުވާން ފުލުހުން އަންގައިފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޤަވައިދާ ޚިލާފަށް ޕާކުކޮށްގެން 15 ސައިކަލެއް ފުލުހުންގެ ނަގާފައިވާ ކަަމަށެވެ. އެ ސައިކަލުތަށް ނަގާފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އެ އުޅަނދުތަކުގެ ވެރިފަރާތްތަކުން 60 ދުވަހުގެ ތެރޭގައި އުޅަނދުތަކާއި ހަވާލުނުވެއްޖެނަމަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 2 ވަނަ އިސްލާހުގެ 8 ވަނަ މާއްދާގެ ނ ގެ ދަށުން އުޅަނދުތަށް ނައްތާލާނެ ކަމަށެވެ.

ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަދުތައް ފުލުހުން ޓޯ ކުރާއިރު ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ގިނަ އަދަދެއްގެ އުޅަނދުތަކުގައި ފުލުހުން ސްޓީކާ ޖަހާކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮންމެ ހަފްތާއަކު ފުލުހުން ނެރޭ ތަފާސްހިސާބުތަކަށް ބަލާއިރު މިދޔަ ހަފްތާ ފުލުހުން ވަނީ 76 އުޅަނދެއް ޓޯ ކޮށްފައެވެ. އަދި ޤަވައިދާއި ހިލާފަށް ޕާކް ކޮށްފައި ހުރި 481 ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖަހާފައިވެއެވެ.
ޕާކު ކުރާނެ ޖާގަ ނުދައްކާ ޕާކިންގް މައްސަލައިގައި ޖޫރިމަނާ ކުރަމުންދާއިރު އެކަމާއި ސުވާލުކުރުމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މިހާރު ސްޓިކަރ ޖަހާނީ ހަމައެކަނި އާންމުންނަށް ދަތިވާގޮތަށް ޕާކް ކުރާ ތަންތަނުގައި އެކަނިކަމަށެވެ. އޭގެ ތެރޭގައި މިސްކިތްތައް ކައިރިއާއި، ކަފިހި ހުރަސްތަކާއި، ޑަބަލް ލައިން، އަދި ބޭރު މަގަށް ނިކުންނަ އިރު ދަތިވާގޮތައް ޕާކް ކުރާ ތަންތަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ނަހުލާވަނީ ޕާކް ކުރުމުގެ ދަތި ފިލުވުމަށް 3 ޕާކިން ބިލްޑިންގް އެއް ހެދުމަށް ނިންމައި މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާކަމަށްވެސް ވިދާޅުވެފައެވެ. ޕްލޭނިންގް މިނިސްޓްރީއިން ބުނީ މާލޭގައި ޕާކިންގް ބިލްޑިންގްތައް އެޅުމަށް ވަކި ސަރަޙައްދުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ސަހަރާތަށް ހިމެނޭތީ މިހާރު އިސްލާމިކް މިނިސްޓްރީއާއި ވާހަކަދައްކައިގެން މަސައްކަތް ރިވިއު ކުރަމުންދާ ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

