ޓްރާންސްޕޯޓު މިނިސްޓްރީއަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށާއި ނަމަވެސް މިނިސްޓަރ އައިޝަތު ނަހުލާ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީޕާޓިގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީޕާޓިއަށް މެންބަރުން ސޮއިކުރުމަށް ކުނޫޒުގައި ބެއްވި ރަސްމިއްޔާތުގައި ވާހަކަފު ދައްކަވަމުން ޤާސިމް ވިދާޅުވީ އެމަނިކުފާނުވެސް ވަރަށް ގިނަ ދާއިރާތަކުން އެކި ފަންތީގައި މަސައްކަތް ކުރެވިފައިވާ ކަމަށާއި އެމަނިކުފާނުގެ މަސައްކަތުގެ ތަޖުރިބާގައި، އެ ތަނެއްގައި ހުންނަ ވެރިޔަކު ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު މަސައްކަތްކޮށް ގަޑިޔަށް ފަރުވާތެރިވާން ގޮވާލައިފިނަމަ އެ ވެރިޔަކު ދެކެ ގިނަ މުވަޒަފުން ރުޅިއަންނާނެ ކަމަށެވެ.
“ ވަރަށް ހިތާއާއި އެކު މިހެން މި ބުނަނީ. ވަޒީފާ އަދާކުރުމުގެ ނަމުގައި، އަމާ ބުނީތީ ފަރަށްދާ އުސޫލުން ދާ ދިވެހިން ވަރަށް ގިނަ. މުސާރަ ލިބުނީމަ ވަރިހަމަ. މާ ބޮޑު މަސައްކަތެއްގައި ޝާމިލްވާކަށް ބޭނުމެއް ނުވާނެ. އެބައިމީހުން ބޭނުންވޭ ބޮޑު މުސާރަވެސް. މަޤާމުގެ ކުރިއެރުންވެސް.“
ޤާސިމް ވިދާޅުވީ މިނިސްޓަރަކު އެ މިނިސްޓްރީގެ މުުވަަޒަފުންނަށް އިހުލާސްތެރިކަމާއެކު މަސައްކަތް ނުކުރަންޏާ ނުވަތަ ގަޑިޔަށް ބަރާބަރަށް ނާންނަނީ ކަމުގައި ވަނީނަމަ އެވާހަކަ ދައްކާނެ ކަމަށެވެ. އެކަން ރަނގަޅުކުރަން އެމިނިސްޓަރަކު ނޫނީ ދެން އަންނާނެ އިތުރު މީހަކު ނުހުންނާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ ނާންނާނެ ދެއްތޯ ރަނގަޅުކުރަން ބުނާކަށް. އެ މިނިސްޓަރު ބުނާނީ ރަނގަޅުކުރަން“
ގާސިމް މިފަދަ އިބާރާތަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ އެމަިކުފާންގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މުވައްޒަފުންނާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ އާއްމުވުމާއި ގުޅިގެންނެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤާސިމް ވިދާލުވީ ސޯޝަލް މީޑިއާގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާގެ އެފަދަ އޯޑިއޯއެއް އާންމުވެގެން އުޅޭ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި އެކަމަނާއަށް ރައްޔިތުންގެ ލޯތްބާ ރުހުން އިތުރުވެގެން ދިޔައީ ކަމަށެވެ.
”ނަހުލާގެ އޯޑިއޯއެއް އެބަ ފަތުރަމުންދޭ. އެކަމަކު މިފަހަރު މި ގޮވީ ހަމަ އަތަށް. އެއީ އެކަންވާނެ ގޮތް“
ޤާސިމް ވިދާޅުވީ ވެރިމީހާ އަބަދުވެސް ބޭނުންވާނީ މަސައްކަތުގެ ނަތީޖާ ދައްކަން ކަމަށާއި. ހަވާލު ވެގެން ހުންނަ މީހާ އެކަން ރަނގަޅަށް ކުރާށޭ ބުނީމާ ދެންތިބި ދެތިން މީހަކު ނޫނެކޭ ކިޔާފަ ބޮޑާހޭކީމާ ވެރިމީހާ ގޯސް ނުވާނެ ކަމަށެވެ.
ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ބުނެއުޅޭ ބަހެއް ކަމަށްވާ ”ގަޅި އުކާނީ މޭވާ ހުންނަ ގަސްގަސް ބަލާފައި“ ކަމަށް އޮންނަ ބަހަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ކަންކަން ކުރިމަތިވާނީ ކަންތައްތައް ކުރާ މީހުންނަށް ކަމަށެވެ.
”މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެ. ކަންތައް ކުރެވޭ މީހުންނަށް ދިމާކުރުން ކުރިމަތިވާނީ. ސިޔާސީ ގޮތުން ވެސް ބޮޑު ރޭހެއްގައި މިއުޅެވެނީ.“
ބައެއް މީހުންގެ ވިސްނުމުގައި ހުންނަނީ ސިވިލްސާވިސް މީހުންވީމާ ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށެވެ. އެއީ ގޯހެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ސިވިލް ސާވަންޓުން ތިބެނީ ސަރުކާރު ބަދަލުވުމުން ގައުމު ސްޓޭބަލްކޮށް ކުރިއަށް ގެންދަން ކަމަށެވެ.
”އެމީހުންނަކީ ކަނޑާ ނުލެވޭނެ ބައެއް ނޫން. އެމީހުން ވަކިވެސް ކުރެވޭނެ. ފަރުވާ ކުޑަކޮށް ޤާނޫނީ އިމުން ބޭރުވާ ކަމަށް ވަންޏާ އެމީހުން ބޭރުވެސް ކުރާނެ. އަދި ބޭރު ކުރަން ވެސް ޖެހޭނެ. އެއީ ޤަބޫލުކުރަންޖެހޭ ހަޤީގަތެއް“ ގާސިމް ވިދާޅިވިއެވެ.
ޤާސިމް ވިދާޅުވީ އެކަމާއި ދެކޮޅަށް ވާހަކަދައްކާ އަޑއުފުލާ ހެދުމަކުން މަލާމާތް ނޫން އެހެން އެއްޗެއް ރައްދު ނުވާނެ ކަަމަށެވެ.
ވަޒީފާއަށް ފަރުވާތެރި ނުވެ ރައީސް ސޯލިހުއަށް ޝަކުވާގެ ސިޓީ ހުށަހެޅިއަސް ކޮންކަމެއްތޯ ވާނީ؟“
ގާސިމް އިބްރާހިމް ވަނީ އެމަނިކުފާންގެ އަނބިކަނބަލުން ނަހުލާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ނަހުލާ ބަދުނާމް ކުރުމުގެ ބޭނުމުގައި ލީކްކުރި އޯޑިއޯއިން އެކަން ހާސިލް ނުވި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ނަހުލާއަށް ތަޢުރީފް ކުރެއްވިއިރު ގާތްގަނޑަކަށް 50 މުވައްޒަފުން ރައީސް ސޯލިހުއަށް ފޮނުވި ޕެޓިޝަންގައިވަނީ ވަޒީރުގެ އިތުބާރު ނެތްކަމަށް ނިންމާފައެވެ.
60 ސަފްހާގެ މިސިޓީގައި މުވައްޒަފުން ފާހަގަކޮށްފައިވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ހިތުނިޔަތް ގަތް ހިސާބުން ފެށިގެން އޮފީހުގެ މާހައުލު ގޯސްވެގެން ދިޔަކަމަށާއި އެކަމުގެ މައުލޫމާތު އެ އޮތޯރިޓީގެ ސިވިލް ސާވިސް މަގާމުގައި ތިބި ފަރާތްތަކާއި ހިއްސާ ކުރުމުން ”އެއީ އެމީހުންނަށް އެނގިފައިވާ ކަމެއް ނޫން“ ކަމަށް ބުނެފައިވާ ކަމަށެވެ.
މުވައްޒަފުން ކުރި މައްސަައްކަތްތަކުގެ ތެރެއިން، ތަނުގެ ޕާމެނެންޓު ސެކްރެޓަރީ އެއީ ”އަސްލު ވާހަކައެއް“ ކަމަށް ބުނެއިވާކަމަށް ސިޓީގައި ވެއެވެ.
މީގެ އިތުރުން ރައީސް ސާލިހް ވެެރިކަމަށް ވަޑައިގެންނެވުމަށް ވީ ބޮޑު ވައުދެއް ފުއްދުމަށް ވެސް ހަމަ އެ މުވައްޒަފުން މަސައްކަތް ކުރީ އުފަލާއި އެކު އެއްވެސް ވަރުބަލި ކަމެއް ނެތިކަމަށް ސިޓީގައި ފާހަގަކުރިއެވެ.
އެގޮތުން ހެލްމެޓު ޕްރޮގްރާމްގެ ދަށުން ހުކުރެއް، ހޮނިހިރެއް ނެތި މަސައްކަތްކޮށް އާއިލާއަށް ވެސް ވަގުތު ދެވިފައި ނުވާކަމަށް ބުނެފައިވެއެވެ. މުވައްޒަފުން ގަޑިއާއި ގުޅޭގޮތުން ވާހަކަ ދައްކާއިރު އިތުރު ގަޑީގެ އުޖޫރަ ނުލިބޭ ކަމަށާއި، އެހެން ނަމަވެސް އެއްވެސް މަސައްކަތެއް ޑިއުޓީއިން ބޭރު ކުރުމަށް ޝަކުވާއެއްކޮށްފައި ނުވާނެކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރައްވާ، އޮތޯރިޓީގެ މަސައްކަތްތަކަށް ދަތިވި ނަމަވެސް އަދި މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް މުވައްޒިފުންނަށް ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިކަމަށް، ސިޔާސީ ބޭފުޅުންނާއި ހަވާލާދީ މުވައްޒަފުން އަންނަނީ ބުނަމުންނެވެ.

