ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފްސީއިން ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ފައިނޭންސިންގ ޚިދުމަތެއް ތަޢާރަފުކޮށްފި

އެސްޑީއެފްސީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކޮންޓެންޓް ކްރިއޭޓަރުންނާއި ފިލްމު ޕްރޮޑިއުސަރުންނަށް އަމާޒުކޮށްގެން އައު ފައިނޭންސިންގ ޚިދުމަތެއް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތުގެ ދަށުން 500,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ފޯރުކޮށްދެވޭނެއެވެ.

ކްރިއޭޓިވް އިކޮނޮމީ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ، މި ފެސިލިޓީގެ ދަށުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތައް ތަރައްޤީކުރުމަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދެވޭނެއެވެ.

ކޮންޓެންޓް ކްރިއޭޓަރ ފައިނޭންސިންގެ ދަށުން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުން، އިންފްލުއެންސަރުން، އަދި ވީޑިއޯގްރާފަރުންނަށް ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭއިރު، ރަހުނެއް ހުށަހަޅައިގެން 500,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

އަހަރަކު 9.5 އިންސައްތައިގެ ފައިދާ ރޭޓެއްގައި، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފެސިލިޓީ އަނބުރާ ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި، 6 މަސް ދުވަހަށްވުރެ ދިގުނޫން ގްރޭސް ޕީރިއަޑެއްވެސް ހހިމެނެއެވެ. މި ފައިނޭންސިންގ މެދުވެރިކޮށް އިކުއިޕްމަންޓް ހޯދުމާއި، ޕްރޮޑަކްޝަން ޚަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ފެސިލިޓީ އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީއަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާ ކަމަށާއި، ދިވެހި ޒުވާނުންނަކީ މި ހަރަކާތުގެ އެންމެ ކުރީ ސަފުގައި ތިބި ބައެއް ކަމަށެވެ.

އެހެންކަމުން މި ފައިނޭންސިންގ ފެސިލިޓީއާއެކު، ކޮންޓެންޓް ކްރިއޭޓަރުންނާއި، ފިލްމު އުފައްދާ ފަރާތްތަކާއި، ޑިޖިޓަލް ކްރިއޭޓަރުންނަށް، ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ކްރިއޭޓިވިޓީ ދައްކުވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެކަން ކަށަވަރުކުރުމަކީ އެސްޑީއެފްސީގެ އަމާޒެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، މިއީ ހަމައެކަނި ފައިނޭންސިންގ ޕްރޮޑަކްޓެއް ނޫން ކަމަށާއި، މިއީ ހުނަރުވެރިކަމާއި، އައު ކްރިއޭޝަންސް އަށް ފުރުސަތު ފަހިކޮށްދީ އަދި ރާއްޖޭގެ އިޤްތިޞާދުގެ މުސްތަޤްބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

މި ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: