ހުޅުމާލޭގެ ސޯޝަލް ލޭންޑްސްކޭޕް، އަދި ޓްރާންސްޕޯޓާ ގުޅޭ މާސްޓަރޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ”ހިޔާލުން ހުޅުމާލެ“ ގެ ނަމުގައި ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ މިއީ ހުޅުމާލޭގެ ތަރައްގީގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުކޮށް، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މާސްޓަރޕްލޭންތައް ބައްޓަންކުރުމަށް ކުރިއަށްގެންދާ ފޯރަމެއް ކަމަށެވެ. އަދި ހުޅުމާލޭގެ ދުރު ރާސްތާ މަގުޗާޓަށް ހުޅުމާލޭގެ ރައްޔިތުން ހޭލުންތެރިކޮށް، ހުޅުމާލޭގެ ތަރައްގީއާ ގުޅޭގޮތުން އާންމުންނާ މައުލޫމާތު ހިއްސާކުރުމަކީވެސް މި ފޯރަމްގެ އަމާޒެއްކަން ފާހަގަކުރި އެވެ.
އެގޮތުން، މި ފޯރަމްގައި ހުޅުމާލޭގެ ކޮމިއުނިޓީ ބައްޓަންކުރަންވީ ގޮތް ނުވަތަ ސޯޝަލް ޕްލޭން، ހުޅުމާލެތެރޭގެ ޓްރާންސްޕޯޓް ޕްލޭން ބައްޓަން ކުރަންވީ ގޮތުގެ އިތުރުން، ހުޅުމާލެ ލޭންޑްސްކޭޕް ޕްލޭން އާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދާނެއެވެ.
އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި ހިޔާލު ހޯދުމުގެ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 13 އިން 15 އަށެވެ.
މި ފޯރަމްގައި އޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 07 އޮކްޓޯބަރު 2025 ވާ އަންގާރަ ދުވަހެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުޅުމާލޭގެ ތަރައްގީގެ ހުރިހާ ހަރުފަތެއްގައިވެސް ރައްޔިތުންގެ ހިޔާލު ހޯދައި، ރައްޔިތުންގެ ބައިވެރިވުމާއެކު ހިތްފަސޭހަ ހުޅުމާލެއެއް ބިނާކުރުން ކަމަށެވެވެ.
އޮންލައިން ރަޖިސްޓްރޭޝަން ލިންކު: https://forms.office.com/r/uyVHRHUpNQ
ކިއުއާރު ކޯޑް:


