ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ސަރުކާރުން ފެނަކަ ބޭނުންކުރީ ފައިސާ ޗާޕުކޮށް، ދޮންނަން: ސައީދު

ޕީއެންސީގެ ޖަގަހަ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ފެނަކަ ކޯޕަރޭޝަން ބޭނުންކުރީ ފައިސާ ޗާޕުކޮށް، ގަވާއިދާ ހިލާފަށް ހޯދާފައިވާ ފައިސާ ދޮންނަންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އަނެއްކާވެސް ފެނަކައިގެ ކޮރަޕްޝަނާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވެގެން އައީ، 2021 އިން 2023 އަށް ކުންފުނި ހިންގާފައިވާ ގޮތާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓާއި އެކު އެވެ. ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ހިމެނޭ، މި ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ފެނަކަ ކުންފުނީގެ މާލީ ހާލަތު އަހަރުން އަހަރަށް ދިޔައީ ގޯސްވަމުންނެވެ.

އެގޮތުން ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއާއި، ޓެރިފް ލޮސްގެ ގޮތުގައި ދައުލަތުން ދޫކުރި ފައިސާ އެކަށީގެންވާ ގޮތެއްގައި މެނޭޖް ނުކުރެވުމުގެ ސަބަބުން، ކުންފުނީގެ ދަރަނި އިތުރުވެ، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އޮތްކަން ރިޕޯޓުން އެނގެއެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 773 ބިލެއް ނުދައްކާ ހުރިއިރު، މި ބިލުތަކުގެ ޖުމްލަ އަދަދަކީ 2.9 ބިލިއަން ރުފިޔާއެވެ.

އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން އޭރު ތަކުރާރުކޮށް ވާހަކަ ދެކެވުނު ނަމަވެސް، އެ ވާހަކަތައް ދިފާއުކުރި އެވެ. އަދި މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތައް ވެސް ބޭރުކޮށްލި އެވެ.

މި މައްސަލައިގައި ދައުލަތުގެ މީޑިއާގައި ސައީދު ވިދާޅުވީ އެމްޑީޕިއަށް އެ ޕާޓީގެ ފަސް އަހަރުގެ ދައުރުގައި ކުރެވުނުހާ ވެސް ކަމަކީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑު ކުރުމަށް ފަހު ފައިސާ ޗާޕު ކުރުން ކަމަށެވެ. އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފައިސާ ޗާޕުކޮށް، ފެނަކަމެދުވެރިކޮށް ސާފު ކުރަމުން ދިޔަކަމަށް ސައީދ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރައީސް ސޯލިހު އިސްވެ ހުންނަވައި 08 ބިލިއަން ރުފިޔާ ޗާޕުކޮށް، ރަށްރަށުގައި ސިޔާސީ ގޮތުން އެމަނިކުފާނަށް ބާރުވެރިކަން ލިބޭނެ ގޮތަކަށް ހުރިހާ ގޮތަކަށް އިންތިޒާމު ކުރަމުން ދިޔަކަމަށެވެ.

އެހެންވީމާ ރައީސް ސޯލިހު މި ކުރެއްވި ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސްކޮޅަށް ވަދެވަޑައިގެންފައި އެއްކޮޅުގައި މި ބެހެއްޓެނީ ފައިސާ ޗާޕުކުރާ މެޝިނެއް.. އަނެއްކޮޅުގައި މި ބަހައްޓަނީ ދޮންނަ މެޝިނެއް.. އެއީ ފެނަކަ. މިކޮޅުގެ ޗާޕު އެހެންވީމާ 08 ބިލިއަން ޗާޕު ކުރަމުން، މިކޮޅުން ރަށްރަށުގައި ސިޔާސީ ގޮތުން އިބްރާހީމް ސޯލިހުގެ ބާރުވެރިކަން އަންނާނެ ހުރިހާ ގޮތަކަށް ނިޒާމް އިންތިޒާމް ކުރަމުން ދިޔައީ..

ސައީދު ވިދާޅުވީ ސަރުކާރުތައް ބަދަލުވުމަށް ފަހު ހަދާފައި ހުންނަ ގޯސްތައް ނުބެލި ދޫކުރުމުން އެ ކަންކަން އިތުރަށް ބޮއްސުންލައިގެން ދާނެކަމަށެވެ. އަދި ވިދާޅުވީ ކަމެއް ރަނގަޅު ކުރެވޭނީ ވަގުތުން ފިޔަވަޅު އަޅައިގެން ކަމަށެވެ. ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރާއިރު، އެ ކުށް ކުރާ ބަޔަކަށް ފިޔަވަޅު އެޅެންޖެހޭކަމަށް ސައީދު ވިދާޅުވި އެވެ.

މި ސަރުކާރަށް ދެ އަހަރުވުމާއި ގާތްވިއިރު، ސައީދު ވިދާޅުވި ގޮތުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ސަމާލުކަމަށް އައުމަށް ފަހު އަޅާނުލައި ދޫކޮށްލާފައި ނުވާނެ އެވެ. މައްސަލައެއްގައި ބޭނުންވާ ހެއްކާއި އެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުވައްސަސާއަކުން އެކަން ރައީސްގެ ސަމާލުކަމަށް ގެނައުމާއި އެކު، ވަގުތުން ފިޔަވަޅު އަޅާފައިވާނެކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: