ނިމިދިޔަ ދައުރުގައި ފެނަކަ ކުންފުނިން އެކި ފަރާތްތަކަށް ފައިސާ ދެއްކުމުގެ މަސައްކަތްތައް ކުރިއިރު ބައެއް މީހުންނަށް ލަސްކުރިކަން ހާމަވާކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓާރ ޖެނަރަލްގެ އޮފީހުން އާންމުކޮށްފައިވާ ފެނަކަ ކުންފުނީގެ ރިޕޯޓުން ގިނަ ކޮރަޕްޝަންގެ އަމަލުތަކަކަށް ތުހުމަތުކުރެވޭއިރު މާލީ މުއާމަލާތްތައް ހިންގިއިރު ކަސްޓަމަރުންގެ ދެމެދު ތަފާތުކުރުންތައް ގެންގުޅުކަންވެސް ހިއްސާކޮށްފައިވެއެވެ.
މިގޮތުން 2021 ވަނަ އަހަރުން 2023ގެ ނިޔަލަށް މުދަލާއި ހިދުމަތްތައް ލިބިގަނެފައިވުމަށްޓަކައި ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންނަށް ފައިސާ ދެއްކުން ލަސްވެގެންދާއިރު އަނެއް ބަޔަކަށް އަވަހަށް ފައިސާ ދެއްކެމުންދިޔަކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
އެ ދުވަސްވަރު އިންވޮއިސްތައް ހުށައެޅި ފަރާތްތަކަށް ބަލާއިރު އާންމުކޮށް 1 މަސް ދުވަހުގެ ތެރޭގައި ފައިސާ ލިބޭ 79 ފަރާތެއް ހިމެނޭއިރު އެ ފަރާތްތައް ދޭންޖެހޭ ފައިސާގެ 98 އިންސައްތަ 2023 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށް ނިންމާފައިވާކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ.
89 ފަރާތަކަށް 3 މަހާއި 1 މަސް ދުވަހުގެ މުއްދަތެއްގައި ދެމުން އައިސްފައިހުރިކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ. އަދި މި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ 98 އިންސައްތަވެސް 2023 ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިހުރިކަމަށް ބުނެފައިވެއެވެ.

