ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ދުވަހުގެ އެއްވުމުގައި ހަމަނުޖެހުން އުފެއްދުމަށް އުޅޭކަމަށް ވަނީ މައުލޫމާތު ލިބިފައި: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުރު ދުވަހުގެ ރޭ މާލޭގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބާއްވާ ސިޔާސީ އެއްވުމެއްގައި ހަމަނުޖެހުން އުފެއްދުމަށް ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކުރުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

އެއްވުމާއި ގުޅޭގޮތުން އާންމު ކުރި ބަޔާނެއްގައި ފުލުހުން ބުނެފައިވަނީ، ”ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު“ އާއި އެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ، އެ ހިދުމަތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

އެހެން ނަމަވެސް، ހުކުރު ދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، ހިނގާލުން ކުރިއަށް ގެންދިއުމަށާއި، އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބަޔާނުގައިވެއެވެ. މިކަމުގެ ސަބަބުން މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެއްލިދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިލްތިމާސް ކޮށްފައި ވަނީ، ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށެވެ. އަދި މި ފުރުސަތު ނުދޭނެކަމަށް ވެސް އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވަނީ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމާއެކު، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް، މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

މި އެއްވުމަކީ 3 އޮކްޓޫބަރުގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅި ގަރާރަކުން މުޒާހަރާއަށް ނިކުންނަށް ނިންމި ނިންމުމަކާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

އެ ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ މިނިވަންކަމާއި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ގެއްލުވާލަން ބަޔަކު މަސައްކަތް ކުރާ ކޮންމެ ފަހަރަކު ނިކުންނަނީ އެމްޑީޕީން ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށާއި ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް ހިންގާ ކަމަށްވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. މި ސަރުކާރުން ކުރަމުންދާ ވައްކަމާއި، ކޮރަޕްޝަނާއި އަދި ޝަރުއީ ދާއިރާއަށް އަތް ބޭނުމާއި އެފަދަ ކަންކަމާ ދެކޮޅަށް ނިކުތުމަށް އެމްޑީޕީން ނިންމާފައިވާކަމަށް އެ ގަރާރުގައިވެއެވެ. މިއީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް ފުރުސަތު ނުދޭނެކަން ސާފުކޮށް ސަރުކާރަށް އެންގުން ކަމަށްވެސް ގަރާރުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: