ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ދެއްވި ޔަގީންކަން: ކަންބޮޑުވުމެއް ނެތް، ދަރަނިތައް ދެއްކޭނެ!

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ޚުލާސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑްގައި ކަމަށާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ބޭރުގެ އަދި އެތެރޭގެ ދަރަނިތައް ފައިސާ ޗާޕުނުކޮށް ދައްކަމުން ގެންދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީ ކުރިޔަށް ގެންދިޔަ ހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ދަރަންޏާއި ގުޅޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއިރު، ޗައިނާއިން ދިވެހިރާއްޖެއަށް ދައްކަންޖެހޭ ދަރަންޏަށް ލުއިގޮތްތަކެއް ހަމަޖެއްސުމަށް ދެ ގައުމުން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އަވައްޓެރި އިންޑިއާއަށް ދައްކަން ޖެހޭ ލޯނުތަކާއި ގުޅޭގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ރައީސް މުއިއްޒު އަބަދުވެސް ގެންގުޅުއްވި ސްޓޭންޑަކީ ފައިސާ ޗާޕު ނުކުރުމާއި، އިތުރު ދަރަނިތައް ނުނެގުމެވެ. މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތައް ދިމާވީ ނަމަވެސް އެހެނިހެން ފިޔަވަޅުތައް އަޅައި ހާލަތު ރަނގަޅުވަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ބޭރުގެ ދަރަނިތައް ދައްކަމުން، އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން ގެންދާނެ ކަމަށެވެ. އަދި މިކަން ކުރައްވާނީ ފައިސާ ޗާޕުނުކޮށްކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ދަރަނި ރިލީފް ކުރުމުގެ ހުރިހާ އެގްރީމަންޓުތަކެއްގައި ސޮއިކޮށް، އެކަން ހަމަޖެހިފައިވާކަން ޗައިނާ ސަރުކާރުން، އެ ގައުމުގެ ނޭޝަނަލް ޑޭގެ މުނާސަބަތުގައި ބޭއްވި ޖަލްސާއެއްގައި އިއުލާންކޮށްދެއްވާފައިވާކަމަށް ހާމަކުރައްވާފައެވެ.

މި ހުރިހާ ކަމެއް މި ކުރަނީ.. އަޅުގަނޑުމެންނަށް ވާރުތަވި ހަލާކުވެފައި… ވަޅު ޖެހިފައި އޮތް އިގްތިސާދު ނަގާ ކޮޅަށް ޖަހަމުން… މިހާރު އަޅުގަނޑުމެންގެ އިގްތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑްގައި.. ވަރަށް ރަނގަޅު ދުވެލީގައި، ރަނަގަޅު މަގުގައި މިދަނީ ކުރިޔަށް، އެއްވެސް ވަރަކަށް އަޅުގަނޑުމުން ކަންބޮޑުވެ ހާސްވާންޖެހޭ ގޮތަކަށް ކަމެއް ނެތް. އަޅުގަނޑުމެން ދައްކަން ހުރި ދަރަންޏެއް ވިއްޔާ ދައްކަމުން.. ކުރިއަށް ހުރި ތަނުގައި ދައްކަން ހުރި ދަރަނިތައް ވެސް މި ދަނީ ޕްލޭން ކުރަމުން… އެއްވެސް ކަންބޮޑުވުމެއް ނެތި އެ ކަންކަން އަޅުގަނޑުމެން ހަމަޖައްސާނަން…

ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ބިކަ ހާލުގައި ޖައްސާން އެއްވެސް ޖާގައެއް ނުދޭނެކަމަށެވެ. އަދި އެ ހާލަތަށް ދޫކޮށްނުލާނެކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމަނިކުފާނަށް ވާރުތަވި ”ހަލާކުވެ، ވަޅު ޖެހިފައި އޮތް އިގްތިސާދު“ ނަގާ ކޮޅަށް ޖަހަމުންނެވެ. އެއަށް ފަހު މިހާރު އިގްތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑްގައިކަން ފާހަގަކޮށް ވިދަޅުވީ ދެން ރަނގަޅު ގޮތުގައި ދާނީ ކުރިޔަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ވަރަކަށް ހާސްވެ، ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ދައްކަން ހުރި ދަރަނިތަކާއި، ކުރިއަށް އޮތް ތަނުގައި ދައްކަން ހުރި ދަރަނިތައް ވެސް ރޭވިފައިވާ ގޮތަށް އެއްވެސް ކަންބޮޑުވުމެއް ނެތި ދެއްކޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ރައްޔިތުންނަށްޓަކައި ގާނޫނުގައި އޮންނަ ގޮތަށް ގާނޫނީ ވެރިކަން ކުރާނެ ސަރުކާރެއް ކަމަށާއި، ގައުމުގައި ހަމަޖެހުމާއި ތަރައްގީ އަދި އަމާންކަން ގާއިމުކޮށްދޭނެކަން މި ސަރުކާރުން ޔަގީންކަން ދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: