މާދަމާ މަގުމައްޗަށް ނިކުންނަ ރައްޔިތުން އެ ދިފާއު ކުރަނީ، އެމްޑީޕީގެ ހިޔާނާތްތައްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފެނަކައިގ ކޮރަޕްޝަންގެ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިވީ 2019 ވަނަ އަހަރުކަމަށް ފަލާހު ވިދާޅުވިއެވެ. ފެނަކައަކީ މީހުން ދިރިއުޅޭ ވަރަށް ގިނަ ރަށްތަކަކަށް ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތް ގާއިމްކޮށްދޭ ކުންފުންޏެއްކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، މިފަދަ ކުންފުންޏަކުން 2 ބިލިއަން ރުފިޔާގެ ވައްކަމެއް ކޮށްފައިވާއިރު، މިކަން ހަމައެކަނި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ނުކުރެވޭނެކަމަށެވެ.
މިއީ އާދައިގެ ވައްކަމެއް ނޫންކަމަށާއި، މިއަދު ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ލިބޭކަމަށްޓަކައި ޝުކުރު ކުރަން ޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ތިބެން ލަދު ގަންނަން ޖެހޭކަމަށެވެ. ފެނަކަ އިދާރާތައް ކައިރިއަށް ނިކުމެ ރައްޔިތުން އިހުތިޖާޖުކުރަން ޖެހޭކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
އެއީ ދެ ބިލިއަން ރުފިޔާގެ ކަރަންޓުގެ، މިވަރުގެ ނުބައި ބޮޑު ހިޔާނާތެއް ހިންގާފައި، މާދަމާ މި ބޭފުޅުން މި ގޮވާލަނީ ލޫޓުވައިފިއޭ، ލޫޓުވައިފިއޭ. މިހެން ކިޔާފަ ރައްޔިތުންނަށް މި ނަސޭހަތްދެނީ، ކޯއްޗެކޭތޯ މިކިޔަނީ.
ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ މެންބަރުން މި ސަރުކާރުން ލޫޓުވައިފިކަމަށް ބުނެ މަގުތަކަށް ނިކުންނައިރު، އެ ޕާޓީގެ ވެރިކަމުގައި ހަދާފައި ހުރި ބޮޑެތި ގޯސްތަކާއި، ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް މިދަނީ ފެންމަތިވަމުންކަމަށެވެ.
އެމްޑީޕީއަށް ނޭނގޭކަމަކީ ރައްޔިތުންނަށް މިކަން އޮޅުވާނުލެވޭނެކަންކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، މާދަމާ އެމްޑީޕީގެ އެއްވުމަށްދާ ފަރާތްތަކުން އެ ބުނެދެނީ ފެނަކައިގެ ކޮރަޕްޝަން ދިފާއުކުރަން ތައްޔާރަށް ތިބިކަންކަމަށެވެ. ފަލާހު ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހިޔާނާތްވެސް ފާހަގަކޮށްފައެވެ. މާދަމާ މަގުމައްޗަށް ނިކުމެއްޖެނަމަ، އެ ދިފާއު ކުރެވެނީ އެމްޑީޕީގެ ހިޔާނާތްތައްކަމަށް ފަލާހު ތަކުރާރުކޮށް ވިދާޅުވިއެވެ.
އެމްޑީޕީގެ ގޮވާލުމަށް ގައުމުދެކެ ލޯބިވާ ފަރާތްތަކުން އެއްބާރުލުން ނުދޭނެކަމަށް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީއިން ރޭ ބޭއްވި ޖަގަހަ ޖަލްސާއަށް މީހުން އެއްވީވަރު ފެނުނީއްސުރެ، އެމްޑީޕީއިން ތިބީ ހުމާކަމަށް ފަލާހު ވިދާޅުވިއެވެ. މުޅި ސަރަހައްދު އޮތީ ފުރާލާފައިކަމަށް ފަލާހު ވިދާޅުވިއެވެ. މި ވާހަކައިގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށްވެސް ފަލާހު ފާޑު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އޭނާއަކީ އިހުލާސްތެރި މަސައްކަތްތަކެއް ކުރާ ފަރާތެއްކަމަށެވެ. ވައްކަމާއި ކޮރަޕްޝަނާއި، ދެކޮޅަށް އަބަދުވެސް ދެތުވާނެކަމަށް ފާހަގަކޮށް ފަލާޙު ވިދާޅުވީ ޖަލަށްލާނެކަމަށް ބުނެ ދޭ އިނޒާރުތަކަކަށް ނުގުޑާނެކަމަށެވެ.

