ދިވެހިރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު ލިކުއިޑް ބެލެންސެއް މިވަގުތު ހިފެހެއްޓިފައިވާކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީއިން ދިން މައުލޫމާތުގައިވާ ގޮތުން، މިހާރު ރާއްޖެއިންވެސް ވަނީ ބައިނަލްއަޤްވާމީ އިގްތިސާދީ ހިރާސްތަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް މިއާއިއެކު، މާލީ ހާލަތު ވަރުގަދަކުރުމުގައި ސަރުކާރުން އަޅަމުންދާ ފާހަގަކޮށްލެވޭ އިސްލާހުތަކުގެ ސަބަބުން ކުރިއެރުން ލިބިފައިވާކަން ތަފާސް ހިސާބުތަކުން ދައްކާކަމަށް ބުންޏެވެ.
ދާދި ފަހުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ އިގްތިސާދާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ބޭރުގެ ދަރަނިތައް ދައްކަމުން، އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން ގެންދާނެ ކަމަށެވެ. އަދި މިކަން ކުރައްވާނީ ފައިސާ ޗާޕުނުކޮށްކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ދަރަނި ރިލީފް ކުރުމުގެ ހުރިހާ އެގްރީމަންޓުތަކެއްގައި ސޮއިކޮށް، އެކަން ހަމަޖެހިފައިވާކަން ޗައިނާ ސަރުކާރުން، އެ ގައުމުގެ ނޭޝަނަލް ޑޭގެ މުނާސަބަތުގައި ބޭއްވި ޖަލްސާއެއްގައި އިއުލާންކޮށްދެއްވާފައިވާކަމަށް ހާމަކުރައްވާފައެވެ.
މި ހުރިހާ ކަމެއް މި ކުރަނީ.. އަޅުގަނޑުމެންނަށް ވާރުތަވި ހަލާކުވެފައި… ވަޅު ޖެހިފައި އޮތް އިގްތިސާދު ނަގާ ކޮޅަށް ޖަހަމުން… މިހާރު އަޅުގަނޑުމެންގެ އިގްތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑްގައި.. ވަރަށް ރަނގަޅު ދުވެލީގައި، ރަނަގަޅު މަގުގައި މިދަނީ ކުރިޔަށް، އެއްވެސް ވަރަކަށް އަޅުގަނޑުމުން ކަންބޮޑުވެ ހާސްވާންޖެހޭ ގޮތަކަށް ކަމެއް ނެތް. އަޅުގަނޑުމެން ދައްކަން ހުރި ދަރަންޏެއް ވިއްޔާ ދައްކަމުން.. ކުރިއަށް ހުރި ތަނުގައި ދައްކަން ހުރި ދަރަނިތައް ވެސް މި ދަނީ ޕްލޭން ކުރަމުން… އެއްވެސް ކަންބޮޑުވުމެއް ނެތި އެ ކަންކަން އަޅުގަނޑުމެން ހަމަޖައްސާނަން…
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ބިކަ ހާލުގައި ޖައްސާން އެއްވެސް ޖާގައެއް ނުދޭނެކަމަށެވެ. އަދި އެ ހާލަތަށް ދޫކޮށްނުލާނެކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމަނިކުފާނަށް ވާރުތަވި ”ހަލާކުވެ، ވަޅު ޖެހިފައި އޮތް އިގްތިސާދު“ ނަގާ ކޮޅަށް ޖަހަމުންނެވެ. އެއަށް ފަހު މިހާރު އިގްތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑްގައިކަން ފާހަގަކޮށް ވިދަޅުވީ ދެން ރަނގަޅު ގޮތުގައި ދާނީ ކުރިޔަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ވަރަކަށް ހާސްވެ، ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިހާރު ދައްކަން ހުރި ދަރަނިތަކާއި، ކުރިއަށް އޮތް ތަނުގައި ދައްކަން ހުރި ދަރަނިތައް ވެސް ރޭވިފައިވާ ގޮތަށް އެއްވެސް ކަންބޮޑުވުމެއް ނެތި ދެއްކޭނެކަމަށެވެ.

