ފެނަކަ ކޯޕަރޭޝަންގައި ހިނގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކަކީ ރައްޔިތުންނަށް މިހާތަނަށް ތިލަވެފައިވާ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، ހުރިހާ ލިޔެކިޔުމެއް ހިމަނައިގެން އޮޑިޓް ރިޕޯޓު ފުރިހަމަކުރެވޭނަމަ އެ އަދަދު 2.2 ބިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެކަމަށް ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
ފެނަކައިގެ ހާއްސަ އޮޑިޓާއި އެކު، އެ ކުންފުނީގެ ތެރޭގައި މިދިޔަ ސަރުކާރުގައި ހިނގާފައި ހުރި ގިނަ ކޮރަޕްޝަނުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ފެނަކައިގެ މާލީ ހާލަތު ދިޔައީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.
ރިޕޯޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ފެނަކައިން މުދަލާއި ހިދުމަތް ހޯދުމަށް 8.83 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ރިޕޯޓުން އެނގޭ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކުންފުނިން 3.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުއްޓެވެ.
ރިޕޯޓުގައި ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އާއިލީ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ދިނުމާއި، ވާދަވެރި ބީލަމަކާ ނުލައި މަސައްކަތްތައް ހަވާލުކުރުން ހިމެނެއެވެ. މީގެ އިތުރުން މާކެޓު ރޭޓަށް ވުރެ ބޮޑު އަގުގައި ހަރަދުތައް ކޮށްފައިވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މި މައްސަލަ ގޯސްވެފައި ވަނިކޮށް، އެމްޑީޕީން ވަނީ ”ލޫޓުވާލައިފި“ ނަމުގައި ރޭ މާލޭގައި މުޒާހަރާއެއް ކުރިޔަށް ގެންގޮސްފަ އެވެ. ސަރުކާރުގެ މެމްބަރުން ބުނެފައި ވަނީ، އެމްޑީޕީގެ މިފަދަ އެއްވުންތަކުގެ ބޭނުމަކީ އެ ސަރުކާރުގައި ހިނގާފައިވާ ވައްކަން ފޮރުވުންކަމަށެވެ.
ރޭ އޮތް މުޒާހަރާގެ ”ސަންގު“ ގެ ހާއްސަ ކަވަރޭޖުގައި ބައިވެރިވެވަޑައިގެން އަސަދު ވިދާޅުވީ ސައީދު އިސްވެ ހުރެ، އޭނާގެ މެނޭޖްމަންޓުގެ ދަށުން ހިންގު ހިޔާނާތް އެނގެން ހުރި ލިޔެކިއުންތައް ނައްތާލާފައިވާކަމަށެވެ. މި މައުލޫމާތުތައް ހިމަނައިގެން އޮޑިޓް ރިޕޯޓެއް އެކުލަވާލުމުން، ފެނަކައިގެ ކޮރަޕްޝަނުގެ އަދަދު 2.2 ބިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެކަމަށް އަސަދު ވިދާޅުވި އެވެ. އަދި ނޫސްވެރިންނަށާއި ރައްޔިތުންނަށް މިހާތަނަށް ތިލަވެފައި މިވަނީ ވަރަށް ކުޑަ މިންވަރެއްކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ހަމަ ބަރާބަރު ވާހަކައެއް.. އެންމެ ރަނގަޅަށް އަދި ސައީދުގެ މެނޭޖްމަންޓުގެ ދަށުން ނައްތާލި ޑޮކިއުމަން އެ ޑޮކިއުމަންޓްތައް ލައިގެން އޮޑިޓް ރިޕޯޓު ފުރިހަމަ ކުރެވިއްޔާ 2.2 ބިލިއަނަށް ވުރެ ބޮޑު ވާނެ… އަދި ތިޔަބޭފުޅުންނާ ހަމައަށް ތިލަވެފައި ތި އޮތީ އަދި ވަރަށް ކުޑަ މިންވަރެއް…
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މީގެ ކުރިން ކުރެވުނު މަސައްކަތްތަކާއި، އެއްކުރި ލިޔެކިއުންތަކަށް އިޝާރާތް ކުރައްވައި އަސަދު ވިދާޅުވީ ފެނަކައިގެ ހިޔާނާތަކީ އެފްޕީއައިޑީއަށް ވުރެ ބޮޑު ހިޔާނާތެއްކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށެވެ. ފެނަކައިގެ ހާއްސަ އޮޑިޓެއް ގެންދަން ޖެހުނު އެއް ސަބަބަކީ ވެސް އެއީކަމަށް އަސަދު ވިދާޅުވި އެވެ.
އަސަދު ވިދާޅުވީ އެ ހާއްސަ އޮޑިޓު ތައްޔާރުކޮށްފައި ވަނީ ބައެއް ލިޔެކިއުންތައް ފުރިހަމަ ނުވެކަމަށް ސައީދު އެ ވިދާޅުވަނީ ތެދެއް ކަމަށެވެ. އެއީ އޭނާ އެ ލިޔެކިއުންތައް ނައްތާލާފައިވާތީކަމަށާއި، ސައީދު ބޭނުންވީ އޭނާ ހިންގާފައިވާ ހިޔާނާތް ފޮރުވައި ކަމުން ރެކިގަތުމަށްކަމަށް އަސަދު ވިދާޅުވި އެވެ. އެހެންކަމުން ސައީދު އިސްވެ ހުރެ ނައްތާލާފައިވާ އެ ލިޔެކިއުންތަކާއި އެކު ތަހުގީގު މާބޮޑަށް ފުރިހަމަވާނެކަމަށް އަސަދު ވިދާޅުވި އެވެ.
ފެނަކަ ހިޔާނާތުގެ މައްސަލަ ފެންމަތިވުމުން، ތަހުގީގުތައް އަވަސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާއި ބެހޭ ފަރާތްތަކަށް އަންގަވާފަ އެވެ. އަދި ފެނަކައިން ހިދުމަތް ދީފައިވާ ގޮތުގައި، ހިދުމަތް ހޯދާފައިވާ ގޮތުގެ މައްސަލައިގެ ތަހުގީގެއް ހިންގައި އޮޑިޓުގެ މައްސަލަ ބެލުމަށް މަޖިލީހަށް ވަނީ ގަރާރެއް ވެސް ހުށަހަޅާފަ އެވެ.

