ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އައްޑޫ ހުޅުމީދޫ ކައުންސިލް“ އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަނީ!“

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ ހުޅުދޫ، މީދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް އޮތް ރަސްމިއްޔާތެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނީ މި ވޯޓު ނެގުމަށް ނިންމާފައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނު އާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ މި ވޯޓު މި ހިނގާ އޮކްޓޯބަރު މަހުގެ 24/25 ވާ ހަފްތާ ބަންދުން ދުވަހެއްގައި ނެގުމަށެވެ.

މި ނިންމުމުގެ ދަށުން، ވަޒީރުންގެ މަޖިލީހުން ވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކިވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވާފައެވެ. އަދި، އައްޑޫ ހުޅުދޫއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވޯޓުގައި ހިމެނުއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.

މި ވޯޓުގައި، މި ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައި ވެއެވެ.

މީގެއިތުރުން، އާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަންގަވައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލައި، އެޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞާ ގުޅޭ މަސައްކަތްތައް ފެއްޓެވުމަށްވެސް ވަނީ ނިންމަވާފައެވެ.

މި މަސައްކަތުގެ ސަބަބުން، ކުރިއަށް އޮތް ވޯޓުގެ ނަތީޖާއަށްފަހު އައްޑޫ ސިޓީގެ އިދާރީ ދާއިރާތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދިރާސާއެއް ކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: