ލައިސެންސް ނެތި ދުއްވުމުން ފުރަތަމަ ފަހަރަށް ޖުރިމަނާއެއްގެ ގޮތުގައި 10،000 ރުފިޔާ ދައްކަންޖެހުން ރަނގަޅު ނިންމުމެއްގެ ގޮތުގައި ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އަނެކާއަށް ބެލުމެއް ނެތި ބާރު ސްޕީޑުގައި ވެހިކަލް ދުއްވުމުގެ ސަބަބުން އެކްސިޑެންޓުވުމުން ފިޔަވަޅު އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ. ދާދިފަހުން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ނިޔާވެފައި ވަނިކޮށް، މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރ މީކާއިލް އަހުމަދު ނަސީމެވެ.
މި ބިލުގެ ބަހުސް މަރުހަލާގައި ޝަމްހީދު ވިދާޅުވީ، ބިލަށް އިތުރު ތަފްސީލު ކުރުންތަކެއް ގެނެވިދާނެކަމަށެވެ. އެގޮތުން މަސްތުގެ ހާލަތުގައި ހުރެ ދުއްވުމާއި މޯބައިލް ފޯނު ބޭނުންކުރަމުން އުޅަނދުތައް ދުއްވުމާއި ޓްރެފިކް ކޮންޓްރޯލްކުރުމަށް އެކި ވަސީލަތްތައް މެދުވެރިކޮށް ދީފައި ހުންނަ އިރުޝާދުތަކާއި ހިލާފަށް ދުއްވުންވެސް ހިމެނެންވާކަމަށެވެ. އަދި މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުނުވާ ހާލަތުގައި ހުރި އުޅަނދުތައް ދުއްވުމާއި ސްޓަންޓު ޖެއްސުން ފަދަ ކަންކަން އިސްލާހުގައި މަދުކަން ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ލައިސެންސް ނެތި ދުއްވުމުގެ އަބަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،000 ރުފިޔާއާއި 50،000 ރުފިިޔާގެ ދެމެދު އަދަދެއްކަމަށެވެ. ނަމަވެސް މި އަދަބު އަންނަނީ ކިހާ ހިސާބަކުން ސާފު ނުވާކަމަށް މެމްބަރު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ، ގައުމުތަކުގައި ކުޑަ ޖޫރިމަނާއެއް ފުރަތަމަ ފަހަރުކުރާކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާއެއް ވެއްޖެ ހާލަތެއްގައި ދައްކަން ޖެހޭ ފީ، ނުވަތަ ޖޫރިމަނާ އިތުރުވާއިރު މީހަކު ނިޔާވެއްޖެ ހާލަތެއްގައި އިތުރަށް ފައިން ބޮޑުވާކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ޖުރިމަނާގެ ފެށޭ އަދަދެއްގެ ގޮތުގައި 10،000 ކަނޑައަޅާފައިވުމަކީ ރާއްޖޭގެ މުޖުތަމައުގެ ހާލަތާއި ބައްދަލު ނިންމުމެއްގެ ގޮތުގައި ނުދެކޭކަމަށް ޝަމްހީދު ވިދާޅުވި އެވެ.
އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ފުރަތަމަ ފަހަރަށް ލައިސެންސް ނެތި ދުއްވުމުން 200 ވަރަކަށް ޑޮލަރުގެ ޖޫރިމަނާއެއް ކުރާކަމަށްވުމުން ރާއްޖޭގައި 10000 ރުފިޔާ ދައްކަން ޖެހުން ރަނގަޅު ނޫންކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ބަދަލުތަކެއް ގެނެސްފި ހާލަތެއްގައި ކުރެވޭ މަސައްކަތްތަކަށާް ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

