މަޖިލީހުގެ މެންބަރަކު ގާނޫނާއި ހިލާފުވެއްޖެނަމަ، ގޮނޑި ގެއްލޭގޮތަށް ގިނަ ގަވާއިދުތަކަކަށް އިސްލާހު ގެންނަންޖެހޭކަމަށް ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. ފަލާހު ވިދާޅުވީ ޖޫރިމަނާތައް ބޮޑުކުރުމަށް މި އިސްލާހުގައި އޮތްއިރު، މި ބިލުގައި ހުރި ބައެއް އިސްލާހުތަކަށް ބިލު ހުށައެޅުއްވި ޕާޓީ އެމްޑީޕީގެ މެންބަރުންވެސް ތާއީދު ނުކުރާކަމަށެވެ.
މި ބިލަށް ޖުމްލަ ގޮތެއްގައި ތާއީދު ކުރައްވާކަމަށް ފަލާހު ވިދާޅުވިއެވެ.
އެއްގަމު އުޅަނދު ދުއްވުމުގައި ވަރަށް ގިނަ ކަންތައްތަކަކަށް މަގުފަހިކުރުވާކަމަށާއި، މިކަމުގެ އަސަރުވެސް ބޮޑުކަމަށް ފަލާހު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެކި ވަރުގެ ގިނަ ގެއްލުންތައް ލިބެމުންދާއިރު، ބިލު ހުށައަޅުއްވާފައި މިވަނީ ވަރަށް މާތް މަގްސަދެއްގައިކަމަށް ގަބޫލުކުރެވޭކަމަށް ފަލާހު ވިދާޅުވިއެވެ. އެހެން ނަމަވެސް ބިލާއިމެދު ދެން ތިއްބެވި އެމްޑީޕީގެ މެންބަރުން އަމަލުކުރީ ވަރަށް އެހެން ކަހަލަ ގޮތަކަށްކަމަށް ފަލާހު ވިދާޅުވިއެވެ.
ވަރަށް ބޮޑަށް ފާހަގަކުރެވުނު، މި މުޒާހަރާއަކީ ހަގީގަތުގައި މި ބޭފުޅުން ވަރަށް ދުރާލާ ވަރަށް ނުބައި ރޭވުންތަކެއް ރާވައިގެން ކުރި މުޒާހަރާއެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އޮތް ދިވެހި ފުލުހުންނާއި، ދިވެހި ސިފައިންނަކީ މި ގައުމަށް އަމާނާތްތެރި ތެދުވެރި ބައެއް.
ފަލާހު ވިދާޅުވިއެވެ.
މަގުމަތީގެ ހަމަޖެހުމާއި، އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި، ހަމަތަކުގެ އުސޫލުތައް ހިފެހެއްޓުމަށް ބަލާއިރު، މަޖިލީހަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނަކީ ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާ ބަޔަކަށްވާން ޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ އެއްވުން ފަލާހު ފާޙަގަކުރެއްވިއެވެ. މިއީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ރާވާފައިވާ މުޒާހަރާއެއްކަމަށާއި، ގާނޫނީ ވެރިކަމެއް ވައްޓާލުމަށް މަސައްކަތްކުރުމަކީ ވަރަށް ބޮޑު ގާނޫނީ ކުށަކަށެއްކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަށް މިކަން ސާފުވާން ޖެހޭކަމަށެވެ.
މަޖިލީހުގެ މެންބަރުން މި ގާނޫނު އަސާސީއަށް އަމަލު ނުކުރާނަމަ، އެއަށް އަމަލުކުރާނީ ކޮން ބައެއްތޯ ފަލާހު ސުވާލު އުފެއްދެވިއެވެ. އަދި އެމްޑީޕީއިން އެއީ ބޮޑު ހިނގާލުމެއްފަދަ އެއްވުމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި ނަމަވެސް ޖަލްސާއަކަށް ބަދަލުކުރިކަމަށާއި، އެކަން ކުރަން ޖެހުނު ސަބަބުތަކެއްވެސް އެބަހުރިކަމަށް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެރޭ ފެނިގެންދިޔައީ އާދަޔާ ހިލާފު ނުރައްކާތެރި މުޒާހަރާއެއްކަމަށެވެ. ދިވެހި ފުލުހުންނާއި ކުރިމަތިލީ ގާނޫނާއި ހިލާފަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި އަމަލުިތަކުގައި ބައިވެރިވީއިރު، މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްގެން ނަމަވެސް، މަޖިލީހުގެ މެންބަރަކު ގާނޫނާއި ހިލާފުވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެންނަން ޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީއިން ނުބައި ރޭވުންތައް ރާވައިގެން މުޒާހަރާތައް ބޭއްވި ނަމަވެސް، ދިވެހި ފުލުހުންނާއި ސިފައިންނަކީ ގައުމަށް ތެދުވެރި އިސްލާސްތެރި ބައެއްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

