ރިޓަޔަރމެންޓު އުމުރު 75 އަހަރުގެ ގޮތުގައި ކަނޑައެޅުމަކީ ރައްޔިތުން އެދޭ ގޮތްކަމަށް މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރީ- އެމްޕްލޮއިމެންޓު ބިލާއި ގުޅޭގޮތުން ދީދީ ވިދާޅުވީ، މިއީ ހުރިހާ ރައްޔިތުންނަށްވެސް މުހިންމު ބިލެއްކަމަށާއި މީގެ ދަށުން އުމުރުން 75 އަހަރު ވަންދެންވެސް ވަޒީފާތަކުގައި ދެމިތިބެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ. އަދި މިވަގުތު އޮތް މާހައުލަށް ބަލާއިރު އުމުރުން 50 އަހަރު ވާއިރުވެސް ތަމްރީނުތަކުގައި ހަރަކާތްތެރިވެ އުނގެނުމުގެ މަރުހަލާގައި ތިބޭކަން ފާހަގަކުރެވޭކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް ނިމި ގައުމަށް ހިދުމަތްކުރަންވާއިރު ތިބެނީ ރިޓަޔާރ ކުރާ އުމުރާއި ގާތްވެފައިކަމަށާއި އެހިސާބުން ޖެހެނީ ވަޒީފާއިން ވަކިވުމަށްފަހު ގޭގައި މަޑުކުރަންކަމަށެވެ.
އެފަދަ ފަރާތްތަކުން ދައުލަތުގެ ނިޒާމުގެ ތެރޭގައި ކުރާނެ ކަމެއް އެހިސާބުން ނޯންނަކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ގިނަ އަދަދެއްގެ ދޮށީ އުމުރުގެ ބޭފުޅުންވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުއާއި މި ކަންބޮޑުވުންތައް ހިއްސާ ކުރިކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެ ފަރާތްތަކަށް ދެއްވިކަަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މި ބިލު ގާނޫނަކަށް ވެގެންދާ ހިސާބުން ރާއްޖޭގައި ތިބި ތަޖުރިބާކާރު އިއްޒަތްތެރި ބޭފުޅުންނަށް 75 އަހަރު ހަމަވަންދެން ވަޒީފާގައި ތިބިމުގެ އިންތިޒާމު ހަމަޖެހިގެންދާކަމަށެވެ. އަދި މިއީ ހުރިހާ ރައްޔިތުންވެސް އެދޭ ގޮތްކަމަށާއި މީގެ ކުރިން ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދިނުމުގެ ގާބިލުކަންހުރި މީހުން އުމުރު ހަމަވުމާއި ގުޅިގެން ބާކީވެގެންދިޔަ މަންޒަރު ފެނިގެންދިޔަކަމަށް މެމްބަރު ވިދާޅުވި އެވެ.
20 ވަނަ މަޖިލީހުން ބިލުތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދަނީ ވަރަށް ފުރިހަމަކޮށްކަމަށާއި، އެހެންކަމުން ހުރިހާ ރައްޔިތުންނަށް ވެސް ފައިދާވާ ގޮތަށް އުމުރުން 75 އަހަރުވުމާއި ހަމައަށް މަސައްކަތުގައި ދެމި ހުރެވޭނެ ގޮތް ހަމަޖެއްސެވުމަށް އެދޭކަމަށް ދީދީ ވިދާޅުވި އެވެ.

