ރާއްޖޭގެ އާބާދީ ބޮޑުވުން ހިފެހެއްޓިފައި އޮތުމުގެ މައްސަލައާއިމެދު ވިސްނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ރިޓަޔަރމެންޓް އުމުރު އިތުރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި މިފަދަ މުހިންމު މައްސަލައަކާ މެދު މަޝްވަރާކުރާއިރު، 65 އަހަރުގެ އުމުރުގައިވެސް މީހުން ދައުލަތަށް ޚިދުމަތްކުރަން ބޭނުންވާ ސަބަބު ދެނެގަތުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އާބާދީ އިތުރުވަމުންދާ މިންވަރު ވަނީ ދަށްވެފައެވެ. ”ރާއްޖެއަށް ކޮންމެހެންވެސް ޒުވާން އާބާދީއެއްގެ ބޭނުން ޖެހިފައިވޭ. އެހެންކަމުން އެފަދަ ހާލަތަކަށް ގައުމު ގެންދެވޭނީ ކޮން ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްގެންތޯ ބެލުންވެސް މުހިންމު،“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.
ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރުވެސް އާބާދީ އިތުރުވުން ހިފެހެއްޓިފައިވާ މައްސަލައަކީ ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހެދުނު ބޯހިމެނުމުގައި ދިވެހިންގެ އެވްރެޖް އުމުރަކީ 47 އަހަރު ކަމުގައި ވީނަމަވެސް، މިހާރު ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އުމުރުވެސް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ބިލަކީ އެމްޑީޕީން ތާއީދުކުރާނެ ގާނޫނެއް ނޫންކަން ބައެއް މެންބަރުންގެ ވާހަކަފުޅުން ދޭހަވާކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ވެރިކަން ފެށުނުއިރު މަސްވެރިކަމުގެ ސިނާއަތް ނެތިދިއުމާ ހަމައަށް ގޮސްފައިވާކަން، މަހަށްދާނެ މީހުން ނެތުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

