ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ގާނޫނުއަސާސީއަށް ގެނައުމަށް ގަސްދު ކުރައްވާ މުހިންމު އިސްލާހުތައް ހިމެނޭ ގޮތަށް ޖުމްލަ 27 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރެއިން އެންމެ މުހިންމު އަދި ބޮޑު އިސްލާހެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާއި ގުޅޭ ބިލެވެ.
މި އިސްލާހަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ މުހިންމު ކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މިއީ ޤާނޫނުއަސާސީއަށް ގެނެވޭ މައިގަނޑު އެއް އިސްލާހަށް ވާނެކަމަށެވެ.
މަޖިލީހަށް ހުށަހަޅުއްވާ 27 ބިލުގެ ތެރޭގައި މުޅިން އަލަށް އެކުލަވާލެވޭ 12 ގާނޫނެއް ހިމެނޭނެކަމަށް ރައީސް ހާމަކުރެއްވި އެވެ. ރައީސް ވިދާޅުވީ މިއީ ގައުމުގެ ހުރިހާ ދާއިރާއަކަށް އޭގެ ފައިދާ ލިބިގެންދާނެ ބިލުތަކެއްކަމަށެވެ.
މި ސަރުކާރުގެ އެންމެ އިސް އެއް އަޒުމަކީ ކޮރަޕްޝަން ނައްތާލުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށް މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ހުރި ހުރަސްތައް ނައްތާލައި، މިކަން ހަގީގީ މާނައިގައި ރާއްޖޭގެ ނިޒާމުގެ ތެރެއިން އިރިޑިކޭޓް ކުރުމަށްޓަކައި 6 ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.
މި އިސްލާތަކުގެ ތެރޭގައި ހިމެނެނީ ރައީސް ވިދާޅުވި ގޮތުގައި މަނީލޯންޑަރިންއާއި، ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް ހުށަހަޅުއްވާ އިސްލާހުތަކާއި، މުޅިން އަލަށް އެކުލަވާލާ އެސެޓް ރިކަވަރީ ބިލުގެ މަސައްކަތެވެ. މީގެއިތުރަށް ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެންނަ އިސްލާޙުތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ގެންނަ އިސްލާހުތަކާއި، ޤާނޫނުލްއުޤޫބާތަށް ހުށަހަޅުއްވާ އިސްލާޙުތައް ހިމެނޭނެ އެވެ.
އިސްލާހުތަކުގެ ވާހަކަ ފާހަގަކުރެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން އެއްވެސް މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާ ކަމަށާއި، މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ މިހާރު ތަނަވަސްވެފައިވާ ކަމަށެވެ. ހާއްސަކޮށް ޖުޑިޝަރީއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ކޯޓުތަކުގައި ތަޅުއަޅުވާފައި އޮތް ކަމަށާއި، ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބޭނުންވަނީ ކޯޓުތަކަށް އޮންނަންޖެހޭ ފުރިހަމަ މިނިވަންކަން އޮތުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

