ޔުމްނުގެ މައްސަލައިގައި ފުލުހުން ވެފައިވާ އިހުމާލުތައް ދެނެގަތުމަށްޓަކައި ކުރާ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙީމް ލިޔުމުން ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މިނިސްޓަރާއި ދެ ސުވާލެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ފުރަތަމަ ސުވާލުގައި ވަނީ މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރައީސުލްޖުމްހުރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުއްވި ރިޕޯޓުގައި ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ފާހަގަކޮށް، އެކަންކަމަށް ފިޔަވަޅު އަޅަން ލަފާދެއްވާފައިވާއިރު އެކަމާއި ގުޅިގެން ފުލުހުންގެ އެއްވެސް ފަރާތަކާއިމެދު ފިޔަވަޅެއް އަޅާފައިވޭތޯއެވެ. އަދި ފިޔަވަޅެއް އަޅާފައިވާނަމަ އެ ފިޔަވަޅަކީ ކޮބައިތޯއެވެ.
ދެވަނަ ސުވާލުގައި ވަނީ މި މައްސަލައިގައި އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގް ހިންގަން ޖެހޭކަމަށް ކަނޑައަޅާފައިވާ، ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަމުންދޭތޯވެސް ސުވާލުކޮށްފައިވެއެވެ. އަދި އެ ތަހުގީގުތައް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯވެސް ސުވާލުކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ ޔުމްނު ވެއްޓުމާއި ގުޅިގެން ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން، ފުލުހުން އާންމުކުރި ގޮތުގައި ވަކި ވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްގެ ފަރާތުން ތަހުގީގު ފަށާ، ސުވާލުކުރަން ޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ. އަދި މި ތަހުގީގު ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާ ރިވިއުކޮށް، އެސްއޯޕީއަށް މުވައްޒަފުން އަހުލުވެރިކޮށްފައިވާކަމަށް ފާހަގަކޮށް އިހުސާން ވިދާޅުވީ، މިކަމާއި ގުޅޭ ގޮތުން ރައީސް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުގެ ހުށައެޅުންތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ހަދާފައިވާ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަން ޖެހޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގ. އެރިއަދޫ ދާއޫދު އަހުމަދާއި ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތަހުގީގުގައި މިހާރު ކުރަމުންދާ މަސައްކަތަކީ، އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮފައިވާ ހ މާއިރާއިން ރައުދު އަހުމަދާއި ބައްދަލުވީ އިތުރު ފަރާތްތަކާއި، ބައްދަލުކޮށް ސުވާލުކުރުމުގެ މަސައްކަތްތައްކަމަށެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަނަ ފަންގިފިލާގެ ފެންލައިޓަކުން ޔުމްނު ވެއްޓުނު މައްސަލައިގައި، ތުހުމަތުތައް ކުރެވުނީ އެރޭ އޭނާއާއިއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށެވެ. މައްސަލައިގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވި، ރައުދުގެ މައްޗަށް ކުރީ ގަސްދުގައި ޔުމްނު ވައްޓާލީކަމުގެ ތުހުމަތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޔުމްނުގެ ބަޔާންން ނެގުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށެވެ. މީގެކުރިން ވެސް ފުލުހުން އެކިފަހަރު މަތީން ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރުމުން، އެކަން ކުރިޔަށް ގެންދެވިފައި ނުވަނީ އޭނާގެ އާއިލާގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭތީ އެވެ.
މި މައްސަލައިގައި ފުލުހުން މީޑިއާތަކާއި އޮފް ދަ ރެކޯޑުގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމާއި އެކު، ތަފާތު އެކި ވާހަކަތައް ދެކެވުނެވެ. އެއަށް ފަހު ފުލުހުން އާންމުކޮށް ހުޅުވާލައިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެރޭ ޔުމްނުއާއި ރައުދުއާއި އެއްކޮށް އުޅުނު އެހެން އެކުވެރިންތަކެއްގެ މައުލޫމާތު އާންމު ކުރި އެވެ. ފުލުހުން ބުނި ގޮތުގައި ފެންޓެނޯއީއަށް ދިޔައީ ރައުދުއާއި ޔުމްނު އެކަންޏެވެ. އަދި އެ މީހުންނާއި ގުޅުން އޮތް އެއްވެސް އިތުރު ބަޔަކު އެރޭ އެގެއަށް ނުދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި ޔުމްނު ވެއްޓުނު ރޭގައި އޭނާއާއި ރައުދު ތިބީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައެވެ.

