މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ވަށާ ޖެހޭ ބަދަލުތަކެއް މުހިންމުކަމަށާއި، ނުހައްގު މުއްސަދިކަން ހުއްޓުވޭނީ އޭރުންކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާޏް މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އޮޑިޓް ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. އަޒާން ވިދާޅުވީ، ދައުލަތުގެ އިސް ވެރިން މާލީ ބަޔާން ހުށައަޅާ ގޮތަށް އިސްލާހު ގެނައުމަކީ މިހާރުން މިހާރަށްވެސް ކުރަން ޖެހިފައިވާ މަސައްކަތެއްކަމަށާއި، މިކަމުގެ ސަބަބުން އެ ފަރާތްތަކުގެ ނަޒާހަތްތެރިކަން އިތުރުވާނެކަމަށެވެ.
އަޒާން ވިދާޅުވީ ދައުލަތުގެ އެކިއެކި ކުންފުނިތަކުގެ އިސްވެރިންނާއި، ފުލުހުންނާއި، ސިފައިންނާއި ކަސްޓަމްސްފަދަ ތަންތަނުގެ ވެރިންވެސް މާލީ ބަޔާން ހުށައަޅަން ޖެހޭ ގޮތަށް ބަދަލު ގެންނަން ޖެހޭކަމަށެވެ. މިހާރު ފެންނަނީ ކޮންމެ ފަސް އަހަރެއް ނިމޭއިރު، އިސް މަގާމުތަކުގައި ތިބޭ ފަރާތްތްތައް މުއްސަނދި މަހުޖަނުންނަށްވާ މަންޒަރުކަމަށް އަޒާން ވިދާޅުވި އެވެ.
އެބޭފުޅުން މަގާމާއި ހަވާލުވާއިރު، އަތުގައި ބައި ރުފިޔާވެސް ނޯންނަ ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަދި ވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. ތަކުރާރުކޯށް މި ކަންތައްތައް އާންމުވެގެން ދާއިރުވެސް، މިކަންތައްތައް ހުއްޓުވޭނެ ގޮތެއް ނޯވެ.
ނުހައްގު މުއްސަދިކަން ހޯދުމާއި، ހިޔާނާތާއި، ވައްކަން އާންމުވެގެންދާއިރުވެސް މިކަންކަން ހުއްޓުވޭނެ ގޮތެއް ނޯންނަކަމަށް އަޒާން ވިދާޅުވިއެވެ.
މި އިސްލާހަކީ އެކަން ހުއްޓުވުމަށް މުހިންމު އިސްލާހެއްކަމަށް އަޒާން ފާހަގަކުރެއްވިއެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ފަރުމާކޮށްފައިވާ ހަ ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެކަމަށް ދާދިފަހުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް ވިދާޅުވެފައިވާކަމަށާއި، އުއްމީދަކީ މި ގާނޫނުތަކާއިއެކު ކޮރަޕްޝަން ހުއްޓުންކަމަށް އަޒާން ފާޙަގަކުރެއްވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، ބެސްޓް ޕްރެކްޓިސްއަކީ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގާތް އާއިލާ ބޭފުޅުންގެވެސް މާލީ ބާޔާން ހުށައެޅުންކަމަށް ފާހަގަކޮށް އަޒާން ވިދާޅުވީ، މަގާމުތަކާއި ހަވާލުވުމުގެ ކުރިޔަށް ވަރަށް ގިނަ ފަރާތްތަކުން އެމީހުންގެ މިލްކުގެ ދަށުގައި ހުންނަ މުދާ އަނބިދަރިންގެ ނަން މައްޗަށް ބަދަލުކުރާކަމަށާއި، މީގެ ތެރޭގައި 18 އަހަރު ނުފުރޭ ދަރިންވެސް ހިމަނާކަމަށް އަޒާން ވިދާޅުވިއެވެ.
މިކަން ހުއްޓުވޭނީ އެބޭފުޅުންގެ އެފަދަ އާއިލާ މީހުންގެ މާލީ ބަޔާން ހުށައަޅައިގެންކަމަށާއި، މީގެ އިތުރުން މަގާމުގެ މުއްދަތު ހަމަވުމަށްފަހު ވަކި މުއްދަތަކަށް އެބޭފުޅުންގެ މާލީ ބަޔާން ހުށައަޅާ ގޮތަށް އޮތުމަކީވެސް ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއެއްކަމަށް އަޒާން ވިދާޅުވިއެވެ.
އެއީ މަގާމުގެ މުއްދަތު ހަމަވަމުން، އެމީހުންގެ އަމިއްލަ މުދާ ނުވަތަ ވިޔަފާރީގެ ކަންތައްތަކެއް ނަމަވެސް، އަމިއްލަ ނަން މައްޗަށް ބަދަލުކުރާތީކަމަށް އަޒާން ވިދާޅުވިއެވެ. ވަށާޖެހޭ އިސްލާހުތަކެއް މުހިންމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

