ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ގާއިމުކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން 800 އަށްވުރެ ގިނަ ފްލެޓު އޮޅުވާލުމެއްގެ ތެރެއިން ހަވާލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި މައުރޫފް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ގެޒެޓުކޮށްފައިވާ ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓަށް މިހާރުގެ ސަރުކާރުން ބަދަލު ގެންނަން މަސައްކަތްކޮށްފައިވާ ކަމަށާއި، ނަމަވެސް ފަހުން ފްލެޓު ހަވާލުކުރަން ފަށާފައިވަނީ އެ ލިސްޓާ އެއްގޮތަށް ކަމަށް ބުނާކަމަށް ފާހަގަކުރެއްވިއެވެ.
”ގުރުއަތު ނެގުންތަކެއް އޮންނާނެކަން އިއުލާނުކޮށްފައިވާއިރު އެކަން ކުރަމުންދަނީ ސަރުކާރުންވި ވައުދުގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުތަކާއިވެސް ހިލާފަށް،“ މައުރޫފް ވިދާޅުވިއެވެ.
މި މައްސަލައިގައި މައުރޫފް ވިދާޅުވި ގޮތުގައި، ސަރުކާރުން ވަނީ އެއްބަސްވުންތައް ލިބިފައިވާ ފަރާތްތަކަށް ސިޓީ ފޮނުވައި، އެފަރާތްތަކަކީ ފްލެޓުގެ ހައްގުވެރިން ނޫންކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ދީފައެވެ. އަދި އެޗްޑީސީ އާއި ހައުސިންގް މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ގުރުއަތުލާ މީހުންނަކީ ކޮބައިކަން ނޭނގޭ ގޮތަށްކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން މައުރޫފް ވަނީ ފްލެޓު ލިބުނުކަމަށް ގެޒެޓުކުރެވިފައިވާ ފަރާތްތަކަށް، ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ކުރެވެން ހުރި ކަންކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރާއި ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނައުމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

