ވެންޓިލޭޓަރ ކޭސްއަކީ އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ބޮޑެތި ވައްކަމާއި ކޮރަޕްޝަންގެ ރީތި މިސާލެއް ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ދުބާއީ ކޯޓަކުން 37 މިލިއަން ރުފިޔާ ދިވެހި ދައުލަތަށް ދެއްކުމަށް އަމުރުކުރުމާ ގުޅިގެން އިމްތިޔާޒް އެކްސްގައި ޕޯސްޓެއް ކުރެއްވިއެވެ. އެ ޕޯސްޓުގައި އިމްތިޔާޒް ވިދާޅުވެފައިވަނީ މި މައްސަލައަކީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންނާއި ޖިނާއީ ތަހުގީގުތަކުން ހާމަވެގެންދާ ކޮރަޕްޝަންގެ މައްސަލައެއް ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ދެކޮޅަށް ވެސް ފައިސާ ދެއްކީ ދިވެހި ދައުލަތުން ކަމަށެވެ. އަދި މި ފައިސާ ހޯދުމަށް ދުބާއީގެ ކޯޓުތައް މެދުވެރިކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ނަމަވެސް މިއީ ލިބުމަށްވުރެ ނުލިބުން ގާތް އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އާބިޓްރޭޝަނުން ނިންމާފައިވާ ގޮތުގައި 2021 މޭ 2 އިން ފެށިގެން އެ ކުންފުނިން ފައިސާ ދެއްކުމުގެ ނިޔަލަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ އިންސައްތަ ދައްކަންޖެހެއެވެ. މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ދުބާއީގެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.
އިތުރު ތަފްސީލުތަކަށް ބަލާއިރު، އާބިޓްރޭޝަނަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ކުރިޔަށް ދިއުމުން އެ ފައިސާ ދައްކާފައިވަނީ ދިވެހިރާއްޖެއިން ކަމަށްވުމާއެކު، އެ އަދަދު ނަގައިދިނުމަށް ވެސް ދިވެހިރާއްޖެއިން ވަނީ ހުށަހަޅާފައެވެ.

