ނަފްސާނީ ދުޅަހެޔޮކަމަކީ ގައުމެއްގެ ކުރިއެރުމުގެ ފަހަތުގައިވާ އަސާސްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ލިބިގަތުމަކީ އިންސާނީ ހައްގެއްކަމަށެވެ. އަދި އެއީ ކާރިސާތައް ކުރިމަތިވާ ކޮންމެ ހާލަތެއްގައިވެސް ގައުމީ ގޮތުން އެންމެ އިސްކަން ދެވޭނެ އެއް ކަންތައްކަމަށެވެ.
މި ދުވަހުގެ ޝިޔާރަކީ ”މެންޓަލް ހެލްތް އިން ހިއުމަން އެކްސްޕީރިއަންސަސް“ ކަމަށް އަލިއަޅުއްވައި ރައީސް ވިދާޅުވީ، އެ ޝިޔާރުން ބައިނަލްއަގުވާމީ މައިދާނުގައި މި މަގުން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ގޮވާލާކަމަށާއި ހާއްސަ ގޮތެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބޮޑެތި މިފަދަ މަސައްކަތްތަކެއް ކުރުމަށް ގޮވާލާކަމަށެވެ. އެތަނުގައި ނަފްސާނީ ދުޅަހެޔޮކަން އިންތިހާއަށް ގެއްލިގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރު އޮތީ ސިއްހީ ކަންކަމާއި މޫސުމީ ކަންކަން އަދި އިންސާނީ ކާރިސާތަކުގައި ވެސް ކުއްލި ހިދުމަތްތައް ދޭހިނދު ނަފްސާނީ ހާލަތަށްވެސް ބެލިގެންދާކަން ކަށަވަރުކުރުމަށްޓަކައި އިސްލާހުތައް ގެނައުމުގެ އަޒުމުގެ މަތީގައިކަމަށެވެ. އަދި ގައުމުތަކާއި އާއިލާތަކާއި ވަކިވަކި ފަރުދުންނަށް ބެލިނަމަވެސް ނަފްސާނީ ދުޅަހެޔޮކަމަކީ ކުރިއެރުމުގެ ބިންގަލެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

