ރައީސް މުއިއްޒު ގެންދަވަނީ ހަގީގީ މާނައިގައި ލާމަރުކަޒު ކުރަމުންކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވެފައިވަނީ، އައިޑީކާރޑު އަދި ޕާސްޕޯޓުގެ ޚިދުމަތްވެސް ހުރިހާ އަތޮޅެއްގައި ގާއިމްކުރެވިގެންދާކަމަށެވެ. ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި, ކުޑަ ރަށެއް ބޮޑުރަށެއް ނުބައްލަވާ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތްވެސް ޤާއިމްކޮށް ނިމެން ގާތްވެފައިވާކަމަށް ފާޙަގަކުރެއްވިއެވެ. އަދި ޑޮލަރު ގެންގުޅޭ ރަށް ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
ހަގީގީ މާނައިގައި ލާމަރުކަޒު ކުރުމަކީ މިއީކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓަރު ވަނީ މިކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފައެވެ.
ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް، އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން ފެށީ ރައީސް މުއިއްޒު ދާދި ފަހުން އދ އަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.
މި ދެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށިގެން މިދިޔައީ، އދ. މަހިބަދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފެށުމާއެކުއެވެ. މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ވަނީ ފެށިފައެވެ. މި އަމާޒު ހާސިލު ކުރެވިފައި ވަނީ، ސަރުކާރުން ކަނޑައެޅުއްވި މުއްދަތަށްވުރެ ތިން މަސް ކުރިންނެވެ.
މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިހާރު ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިފަދަ ހިދުމަތްތައް ލާމަރުކަޒުކުރެއްވުމުގެ މަގްސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ.
ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ފެށިފައި ވާތީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއްވެސް ވަނީ އެރުވިފައެވެ.

