ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް ކަނޑައެޅުމުގައި ގިނަ ދާއިރާތަކެއް ދިވެހިންނަށް ޙާއްސަ ކޮށްފައިވާނެ: ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް ކަނޑައެޅުމުގައި ގިނަ ދާއިރާތަކެއް ދިވެހިންނަށް ޙާއްސަ ކޮށްފައިވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އިންވެސްޓު ނުކުރެވޭނޭ ދާއިރާތަކާއި، ވަކި ޝަރުޠުތަކަކާއެކު އިންވެސްޓުކުރެވޭނޭ ދާއިރާތައް ކަޑައަޅައި ޤަވާޢިދު އިޞްލާޙުކުރުމާ ގުޅިގެން މަސީއިން ނެރެފައިވާ ބަޔާން ހިއްސާކޮށެވެ. 

އެގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ، ދިވެހީންނަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ އެމަނިކުފާނުގެ މެނިފެސްޓޯގެ ވަޢުދެއްކަމަށެވެ. ފޮރިން އިންވެސްޓްމަންޓު ޤާނޫނެއް ރާއްޖޭގައި ފާސްވެފައި ވަނީ 1979 ވަނަ އަހަރުކަމަށާއި، 45 އަހަރުގެ ދިގު މުއްދަތަކަށްފަހު، އަލަށް ފާސް ކުރި ފޮރިން އިންވެސްޓްމަންޓް ޤާނޫނު، 3 ސެޕްޓެމްބަރު 2024 ގައި ވަނީ ތަންފީޒުކުރަން ފަށާފައިކަމަށް ސައީދު ވިދާޅުވިއެވެ.

އައު ޤާނޫނަށް ޢަމަލުކުރާއިރު އެކުލަވާލަންޖެހޭ އުސޫލާއި، ބޭރުގެ ފަރާތްތައް ހަރަކާތްތެރިވާނޭ ދާއިރާތައް ކަނޑައެޅުމުގައި، ފުޅާ ދާއިރާއެއްގައި އެކި ސިނާއަތްތަކުގެ ޚިޔާލާއި ވިސްނުން ހޯދާފައިވާކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ކުރިއާއި ޚިލާފަށް ގިނަ ދާއިރާތަކެއް ދިވެހީންނަށް ޙާއްސަކުރެވިފައިވާނެކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ، ހަމައެއާއިއެކު ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަމާއި، ހިފަހައްޓަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބަލާފައިވާނެކަމަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޝާއިޢުކުރި މި އެންޓްރީ ރިކުއަރމަންޓްސްގައި ވާގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، އަދި ޖޮއިންޓް ވެންޗަރ އުޞޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވެއެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުޞަތު އިތުރުކޮށް، އަދި މަންފާާ އެންމެ ހެޔޮ ގޮތުގައި ލިބޭނެގޮތަށް ރިޢާޔަތްކުރުމަށްފަހުކަން ސަރުކާރުން ފާހަގަކުރެއެވެ. އެހެންކަމުން މި ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ޚާއްސަ ކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުމެވެ. ސަރުކާރުން މިގެންނެވި ބަދަލާއެކު، މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބީތުކޮށް، އިޤުތިޞާދީ ނަފާ ހޯދައި، ޤައުމުގެ ތަރައްޤީގައި ދިވެހީންގެ ޙިއްސާ ބޮޑުވެގެން ދާނެއެވެ.

ފޮރިން އިންވެސްޓްމަންޓަގެ އުސޫލަށް ސަރުކާރުން މިގެންނެވި ހެޔޮ ބަދަލުގެ ތެރޭގައި ދިވެހީންނާއި ބޭރު ފަރާތްތަކުގެ މަސްލަހަތުވެސް ހިމާޔަތްކޮށްދޭ އުޞޫލުތަކެއް ވަނީ ހިމަނައިފައެވެ. މިގޮތުން ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުވަމުން އަންނަކަމަށް ފާހަނގަވާ ބައެއް ދާއިރާތައް މިހާރު މިވަނީ ދިވެހީންނަށް ޚާއްޞަ ކުރެވިއެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ލޮޖިސްޓިކްސްގެ ޚިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތާއި، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައްވެސް ހިމެނެއެވެ.

ހަމަ މިއާއެކު، ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭވެސް އެއްގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން އިންވެސްޓްކުރުމުގެ ފުރުޞަތު، ބޭރުގެ ފަރާތްތަކާއެކު ދިވެހީންނަށް ލިބިގެންދާނެއެވެ.

މި އިޞްލާޙުގެ މުހިންމު މަޤްސަދުތަކުގެ ތެރޭގައި ދިވެހީންނަށް އިޤްތިސާދީ މިނިވަން ހޯދައިދިނުން ހިމެނެއެވެ. މިގޮތުން ދިވެހި އިންވެސްޓަރުންނާއި ކުދި ވިޔަފާރިތަކަށް ކުރިއެރުމުގެ ޖާގަ ހޯދައިދިނުމުގެ އިތުރަށް، ސަރުކާރުން މަސައްކަތް ކުރަނީ ޤައުމުގެ އިގްތިސާދުގައި ދިވެހީން ބާރުވެރި ކުރުވުމަށެވެ.

ގައުމުގެ އިޤުތިޞާދީ ތަރައްޤީގައި އެންމެންގެ ބައިވެރިވުންވެސް ހިމެނުމަށް ހިތްވަރުދޭ މި ސިޔާސަތުތަކުގެ ސަބަބުން، އަލަށް މުރާޖަޢާ ކުރެވުނު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްގެ ސަބަބުން، ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކުގެ އިތުރުން މިހާރުވެސް ވިޔަފާރި ހިންގަމުންދާ ފަރާތްތަކަށްވެސް ޤައުމުގެ ކުރިއެރުމުގެ ބައިވެރިވެ، އިގްތިސާދީ ފައިދާ ލިބިގަތުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ.

އިސްލާހު ކުރެވިފައިވާ މި ގަވާއިދުތައް ތަންފީޒު ކުރަން ފެށުމާއެކު، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ދިވެހި ވިޔަފާރިވެރިންނަށާއި، ޒުވާނުންނަށާއި އަދި އިންވެސްޓަރުންނަށް، މި ހުޅުވުނު ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައިފައެވެ. އަދި ދިވެހިންނަށް ޚާއްސަކޮށްފައިވާ ދާއިރާތަކުން ދިވެހި ވިޔަފާރި ވެރިން ކުރިއަރައިގެން ދިއުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ.

މި އިސްލާހުތަކަކީ ހަމައެކަނި ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކެއް ނޫނެވެ. މިއީ ދިވެހި ވިޔަފާރިވެރިންނަށް ބާރުވެރިކަން ދިނުމަށާއި، 2040 ވަނަ އަހަރު އަންނައިރު، ދިވެހިރާއްޖޭ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުޞަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވާލެވިފައިވާ އިސްލާހުތަކެއްކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: