ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި މީހަކަށް ވީތީ ގެއްލުމުގެ ބަދަލު ދީފައި ނުވާނެ، ބެލީ ދައުލަތަށް މާލީ ބުރަ ކުޑަވާނެ ގޮތެއް: އެމްޑީޕީ

އެމްޑީޕީގެ އެޑްވައިޒަރ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުދީފައި ވަނީ، ވަކި ބަޔަކަށް ބެލުމެއް ނެތި ދައުލަތަށް ފައިދާވާނެ ގޮތަކީ ކޮބައިތޯ ރަނގަޅަށް ބަލައި މާލީ ބުރަ ވީހައިވެސް ކުޑަވާނެ ގޮތަކަކަށްކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައި ވަނީ ގެއްލުމުގެ ބަދަލު ދިން މައްސަލައެއްގައި އެމްޑީޕީ ސަރުކާރުގެ ތިން ވަޒީރަކު އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވާތީ އެވެ.

އެމްޑީޕީން މައްސަލައިގައި މިއަދު އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ސާފުކޮށް ފެންނަން އޮތް ކަމެއްގައި، މި ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދާކަމަށެވެ.

އެމްޑީޕީ ބުނީ 2018 ވަނަ އަހަރު އެ ޕާޓީ އިސްވެ ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވީ، އޭގެ ކުރީގެ ސަރުކާރުތަކުން، ސިޔާސީ މަގުސަދެއްގައި ނުހައްގުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި، އެތަކެއް އެއްބަސްވުންތަކެއް ބާތިލުކުރުމުގެ ސަބަބުން ލިބުނު މާލީ ގެއްލުންތަކަށް ހައްލު ހޯދައިދީ، އިންސާފު ގާއިމުކުރުމުގެ ވައުދާ އެކު ކަމަށެވެ.

އެމްޑީޕީން ބުނީ ފައްޔާޒާއި، އަމީރު އަދި އައިޝަތު އަލީއަށް އޭސީސީއަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވީ އެއްވެސް އަސާސެއް ނެތްކަމެއްގައި ސިޔާސީ ބަދަލު ހިފުމުގެ ރޫހެއްގެ ތެރެއިން ކަމަށެވެ. މިއީ ދޮގު ތުހުމަތުތަކެއްކަން މައްސަލައިގެ ބާވަތުން ވެސް އެނގިގެންދާކަން ފާހަގަކޮށް އެމްޑީޕީ ބުނީ، މައްސަލަ އުފައްދާފައި ވަނީ ތިން ބޭފުޅުން ކޮމިޓީއެއްގައި ދިން ލަފައަކާއި ގުޅުވައި ކަމަށެވެ.

އޭސީސީ ތަހުގީގުކުރަމުންދާކަމަށް ބުނާ މައްސަލައަކީ، އެމްޑީޕީ ބުނި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލުކުރުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދައުވާތަކާ ގުޅޭ މައްސަލައެކެވެ. އަދި ބުނީ ޕީޕީއެމް ސަރުކާރުން، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލުކުރީ އެއްވެސް ގާނޫނީ ހަމައެއް އޮވެގެން ނޫންކަން، ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކުން ސާފުވާނެކަމަށެވެ.

ނުހައްގުން އަދި ގަނޫނާ ހިލާފަށް އެއްބަސްވުންތައް ބާތިލުކުރި މައްސަލަތަކުގައި ހައްލު ހޯދައިދިނުމަށް އެދި ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި، ސްވިފްޓް އިންޖިނިއަރިންއިން ބަދަލު ހޯދުމަށް އެދި ހުށަހެޅީ، އެ ކުންފުނީގެ ކިބައިން ވަކިކުރި 6 ޕްރޮޖެކްޓެއްގެ ތެރެއިން، 4 ޕްރޮޖެކްޓެއްގެ އަގަށްވާ ވަރަށް މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފި ނަމަ، އަނެއް 2 ޕްރްޖެކްޓުން ގެއްލިގެން ދިޔަ މާލީ މަންފާގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އިތުރު ދައުވާއެއް ނުކުރާނެކަމަށް އެއްބަސްވުމަށްކަމަށް ބަޔާނުގައި ވެއެވެ.

މިއީ ދައުލަތައް އެންމެ ގެއްލުން ކުޑަވާނެ ގޮތް ކަމަށް ބަލައި، އެ ތިން ބޭފުޅުން ހިމެނިވަޑައިގެންނެވި ސެޓްލްމަންޓް ކޮމިޓީން ލަފާދީ، އެ މައްސަލަތައް ހައްލުކޮށް ނިންމާފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ ގެއްލުމުގެ ބަދަލު ދިނުމުގައި އަމަލުކޮށްފައި ވަނީ، ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ބެލުމުގެ ބަދަލުގައި ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލައި ދިރާސާކޮށް، ހާލަތާ ގުޅޭގޮތުން އަދި ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރަ ވީހައިވެސް ކުޑަވާނެ ގޮތަށްކަމަށެވެ. އަދި ސްވިފްޓް އިންޖިނިއަރިންގެ ވެރިޔާ އަދި މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުالله ހިލްމީ ވެސް ވަނީ މި މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީން އަމަލުކުރި ގޮތުން ދައުލަތަށް ވެފައިވަނީ ފައިދާކަމަށް ވިދާޅުވެފައިކަމަށް ބަޔާނުގައި ވެއެވެ.

މި މައްސަލަތަކުގައި ބަދަލު ދިނުމުގެ ނަމުގައި އޭސީސީއިން ތުހުމަތު ކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އެމްޑީޕީ ބުނެއެވެ. އަދި މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ރައީސް މުއިއްޒުގެ ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ، ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސްއެޅުމުގެ ބޭނުމުގައިކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: