ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ކުއްޔަށް ދީފައިވާނަމަ އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި ސޯޝަލް ހައުސިންގް ސްކީމަކީ ތަނަވަސްކަން ނެތް ފަރާތްތަކަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ސްކީމެކެވެ.
އެހެންކަމުން މި ސްކީމްގެ ދަށުން ލިބޭ ފްލެޓު އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ފްލެޓު ލިބުނު ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީން ވަނީ ސޯޝަލް ހައުސިންގ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އެހެން ބަޔަކަށް ކުއްޔަށް ދީފައިވޭތޯ ބެލުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. އަދި އެއްބަސްވުމާ ޚިލާފުވެ އެހެން ބަޔަކަށް ދޫކޮށްފައިވާކަން ފާހަގަކުރެވޭނަމަ، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ފިޔަވަޅުތައް އެޅިގެންދާނެ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
މި މައްސަލައިގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް އާންމުންގެ އެއްބާރުލުން މުހިންމު ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

