ބިލެތްފަހީގެ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް މަދުވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. ބިލެތްފަހި ރަތްޔިތުންނާއި ބައްދަލުކުރައްވާ ރައިސް ވިދާޅުވީ އެ ރަށުގެ އެއާޕޯޓު ގާއިމްކުރުމުގެ މަސައްކަތްތަކީ އެއްވެސް މަޑުޖެހުމެއް ނެތި ވަރަށް ފުރިހަމަ ކަމާއިއެކު ނިންމާދޭނެ މަޝްރޫއެއް ކަމަށެވެ. އެއާޕޯޓަށް ބިންހިއްކުމަށް ގާތްގަނޑަކަށް 36 ހެކްޓަރުގެ ބިން ހިއްކުމަށްޓަކައި މަަސައްކަތްތައް ކުރެވިގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި އެއްވެސް މަޑޫޖެހުމެއް ނުވަތަ ލަސްވުމެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި އެއާޕޯޓުގެ ތަރައްގީގެ ހުރިހާ މަސައްކަތެއް، ގިނަވަގެން 2 އަހަރާއި ބައި ނުވަަ 30 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”މިއީ ބިލެތްފަހީގެ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. މި ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް. މި އަތޮޅުގެ މި ސަރަހައްދުގެ ތަރައްގީއަށް ވަރަށް މުހިންމު އިގްތިސާދީ، އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓެއް މިއީ. އެހެންވީމާ، މީގެ ސަބަބުން މި ރަށަށް ލިބިގެންދާނެ ތަރައްގީ އަޅުގަނޑޫމެންނަށް އަންދާޒާ ކުރެވޭ. އަޅުގަނޑުމެންނަށް އިނގޭ އޭގައި ހުރި މުހިންމު ކަން“
އެއާޕޯޓުގެ އިތުރުން، ބިންގާއަޅައިގެން ފެށުނު ހުރިހާ މަޝްރޫއުއަކީވެސް އެކަމަކަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެން ފެށި މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އޭގެން އެއްވެސް މަޝްރޫއުއަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ މުހިންމީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުން ކަމަށާއި، އެމްޑަބްލިޔުއެސްސީއަށް އެކަން ވަނީ ހަވާލު ކުރެވިފައި ކަމަށެވެ. ރައީސް ވިދާޅުވީ މަގު ހެދުމުގެ ކަންކަން ފެށުމަށް ސޮއި ނުކުރެވި އޮތަސް އެއީ ރަށުގެ ތަރައްގީއަށް އެ މަޝްރޫވެސް ވާނީ ހިމަނާފައި ކަމަށެވެ.

