އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރަމުން ދާ ތަހުގީގަކަށް، އެމްޑީޕީގެ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާޒިރުވުމަށް އަންގައިފި އެވެ.
ކޮރަޕްޝަނުގެ އެކި ވާހަކަތައް މިފަހުން ފެންމަތިވެފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ފެނަކަ ކޯޕަރޭޝަނުގެ ހާއްސަ އޮޑިޓާއި އެކުއެވެ. އެމްޑީޕީ ސަރުކާރުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވުނު އެ ރިޕޯޓާއި އެކު ސަރުކާރުގެ މެންބަރުން ވަނީ އޭރު ދައުލަތުގެ އެކި މަގާމުތައް ފުރުއްވި ބޭފުޅުންނާއި ކުންފުނިތަކުގެ އިސްވެރިންގެ މައްސަލަތައް ބެލުމަށް ގޮވާލާފައެވެ. މިކަމާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، ތަޅުމަށް ވެސް ބައެއް މައްސަލަތައް ވަނީ ހުށަހަޅާފައެވެ.
މި މައްސަލަ ގޯސްވެފައިވަނިކޮށް އޭސީސީ ކުރިޔަށް ގެންދާ ތަހުގީގަކަށް އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ، އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއަށް ވަނީ ކޮމިޝަނަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވާފައެވެ.
ރިފްއަތު އޭސީސީއަށް ހާޒިރު ކުރަނީ ކޮން މައްސަލައެއްގައިކަން ސާފެއް ނޫނެވެ. އޭނާއަށް ކޮމިޝަނަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވާކަން ހާމަކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ސޯލިހު ތުހުމަތު ކުރެއްވި ގޮތުގައި، މިއީ މިނިވަން މުވައްސަސާތަކަށް ބިރު ދައްކައި ސިޔާސީ ނުފޫޒު ފޯރުވުމުގެ ގޮތުން މިހާރު ފެށިފައިވާ ސިލްސިލާއެކެވެ. އަދި ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު މިނިވަން މުވައްސަސާތަކަށް ގެއްލޭ ގޮތަށް އަމަލު ނުކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ފައްޔާޒަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމަށެވެ. އަދި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިންކަމަށް ފައްޔާޒަށް ތުހުމަތު ކުރެއެވެ.
މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ވެސް އޭސީސީން ތުހުމަތުކުރެއެވެ. ނަމަވެސް މި މައްސަލައިގައި ފައްޔާޒް ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ.
2019 އިން 2023 އަށް މާލީ ވަޒީރުކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށާއި، ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްިކޮށް، ފައިދާވާނެ ގޮތަށް ކަމަށެވެ.
މި މައްސަލައިގައި އައިޝަތު އަލީ އަދި ރިފްއަތު ވެސް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވެއެވެ.

