ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެސްޓިނެޓް މައްސަލާގައި ބިދޭސީންގެ މަސައްކަތްތައް ބަދަލުކުރީ އެކުންފުންޏަށް ނޭންގި، ދައުލަތަށް ގެއްލުން ލިބިދާނެ: އުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ ކަންކަން ބެލެހެއްޓުން މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަށް ހަވާލުކުރި މައްސަލައިގައި، ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމުގެ ކަންކަން މިދިޔަ ސަރުކާރުން އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކުރީ އެކުންފުންޏަށް ނާންގާ ކަމަށާއި، އެކުންފުނިން ޝަރީއަތަށް ގޮސްފިނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ބަންޑާރަނައިބު އުޝާމް ވަނީ ހާޒިރުކޮށްފައެވެ.

ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ދިވެހިން ގެންގުޅެމުން އައި އެކްސްޕެޓް ސިސްޓަމް ދޫކޮށްލައި، ބިދޭސީންގެ ކަންކަން ބެލެހެއްޓުން މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަށް 15 އަހަރުގެ މުއްދަތަށް ހަވާލުކުރުމުން ދައުލަތަށް އަހަރެއްގެ މައްޗަށް 450 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިދާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

މިއީ އެ ކުންފުންޏަށް 13.7 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ޖެހިދާނެތީ އަމަލުކުރަން ނިންމި ކޮންޓްރެކްޓެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.  އެހެންކަމުން އެ ކުންފުންޏަށް ބަދަލު ދިނުމުގެ ބަދަލުގައި، ކޮންޓްރެކްޓަށް އަމަލުކުރަން ބަންޑާރަނައިބުގެ އޮފީހުން ގާނޫނީ ލަފާ ދީފައިވާނެތޯ އާއި އަދި އެ ލަފާ ދިނީ ކޮން އުސޫލަކާއި ހިސާބުތަކަށް ބިނާކޮށްގެންތޯ ޝަމްހީދު ވަނީ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި އުޝާމް ވިދާޅުވީ ބެސްޓިނެޓާއި އެކު އިމިގްރޭޝަނުން ސޮއިކޮށްފައިވާ އެއްބަސްވުމަކީ 2016 ވަނަ އަހަރުގެ އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމާއި ގުޅިގެން އެންމެ ފުރަތަމަވެސް ބަންޑާރަނައިބުގެ އޮފީހާއި ސިޓީއެއް ލިޔެފައި އޮތީ 2019 ވަނަ އަހަރުގެ ތެރޭގައި ކަމަށް އުޝާމް ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ފަރާތުން އޭޖީ އޮފީހަށް ފޮނުވާފައިވާ އެ ސިޓީގައި ވަނީ ”ބިދޭސީ މަސައްކަތްތެރިންގެ ކަންކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް އޭރުގ ސަރުކާރުން ބަދަލުކުރުމާއި ގުޅިގެން ބެސްޓިނެޓްގެ އެއްބަސްވުން ތަންފީޒު ކުރުމުގައި ދަތިތަކެއް ދަތިތަކެއް ދިމާވެފައިވާތީ ދައުލަތުން އެކަމުގައި މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ފެންނާތީ ދައުލަތުން އެކަމގައި އަމަލުކުރާނެ ލަފައަކަށް އެދޭ ކަމަށެވެ.“

އެ ސިޓީ އާއި ގުޅިގެން އެޖީ އޮފީހުން އިމިގްރޭޝަނަށް ފޮނުވި ޖަވާބުގައި ވަނީ ”ބެސްޓިނެޓްގެ އެއްބަސްވުން ދެމެހެއްޓުމާއި ގުޅިގެން ޕޮލިސީ ލެވެލްގެ ނިންމުމެއް ނިންމަންޖެހޭ ކަމަށާއި، ޕޮލިސީ ލެވެލްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓާއި މޯލްޑިވްސް އިމިގްރޭޝަނުން ގޮތެއް ނިންމާފައި އޭޖީ އޮފީހަށް އެކަން ހިސާކުރުމަށް ކަމަށެވެ.“

”މީގެފަހުން 8 އޮކްޓޫބަރު 2020ގައި އޭޖީ އޮފީހުން އަނެއްކާވެސް އިމިގްރޭޝަނަށް ސިޓީއެއް ފޮނުވާފައިވޭ، ސަރުކާރުގެ މިނިސްޓްރީ ތަކުގެ މެންޑޭޓަށް އައިސްފައިވާ ބަދަލާއި ގުޅިގެން. މި އެއްބަސްވުން ކުރިއަށް ނުގެންދެވޭ ނަމަ އެއްބަސްވުން ތަންފީޒުކުރުމާއި މެދު ގޮތެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔުއްވުމަށް. އަދި އޭގެ އިތުރުން އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންވާނަމަ އެއްބަސްވުން އިސްލާހުކޮށްގެން ކުރިއަށް ގެންދަން ރަނގަޅުވާނެ ކަމަށާއި އަދި ބޭނުން ނުވާ ނަމަ ސަރުކާރުގެ މައްޗަށް އޮތް އިންތިޒާމެއް ދެނެގަނެ ވޭނީ މަސައްކަތްތަކާއި ގުޅޭ ޕާފޯމަންސް އަދި ފައިނޭންޝިއަލް އޮޑިޓެއް ހަދައިގެން ކަމަށް“

އެއަށްފަހުވެސް އޭޖީ އޮފީހާއި އަދި އިމިގްރޭޝަނާއި ދެމެދު މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލްތައްވެސް ވަނީ ދެއްވާފައެވެ. މި ސަރުކަރުގައި މި މައްސަލަ އޭޖީ އޮފީހަށް ހުށައަޅާފައިވަނީ 28 އޭޕްރިލް 2024 ގައި ކަމަށާއި، ހުށައެޅީ ހޯމް މިނިސްޓްރީން ފަރާތުން ކަމަށް އޭޖީ ވިދާޅުވިއެވެ. އަދި އެ ސިޓީއަށްވެސް އޭޖީއޮފީހުން ލަފާ ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މި މައްސަލައިގައި ކަން ހިމގާފައިވާ ގޮތަށް ބަލާއިރު، މި އެއްބަސްވުމުގެ ދަށުން މަސައްކަތްތަކެއް ކުރަމުން ދަނިކޮށް 21 މާޗް 2019 އިން ފެށިގެން ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކަންކަން ކުރީ ސަރުކާރުން އިކޮނޮމިކް މިނިސްޓްރީއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

މި ބަދަލުތައް ގެނެސްފައި ވާއިރު އޭރުގެ ސަރުކާރުން ބެސްޓިނެޓަށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. އަދި އެ ކުންފުނިން ސިސްޓަމްގެ އެކި ކޮމްޕޮނެންޓުތައް ޑެވެލޮޕްކުރުމަށްޓަކައި ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށް، ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފައިވާކަމަށާއި އަހަރުން އަހަރަށް ދަށްކަންޖެހޭ ފީތައް ދައްކާފައި ނުވުމުގެ ސަބަބުން ގެއްލުން ލިބެމުންދާ ކަަމަށް ބުނެފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެހެންކަމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން އެކުންފުންޏަށް ދެއްކުމަށް އެކުންފުނިން ސިޓީތަކުގައި އެދިފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. މިކަމުގައި އެކުންފުންޏަށް އެއްވެސް އެއްޗެއް ނާންގާ 5 ވަރަކަށް އަހަރު އޮތުމުން، ޝަރީއަތުގެ މަރުހަލާއަށް ގޮސްފިނަމަ ބެސްޓިނެޓުން އެދިފައިވާ ބަދަލު އެފަރާތައް ނަގައިދިނުމުގެ ފުރުސަތު ބޮޑުކަމަށް އޭޖީ އޮފީހަށް ފާހަގަކުރެވުނު ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، އޭނާ ލަފާ ދެއްވާފައިވާނީ އުސޫލީގޮތުން ދެކަމަކަށް ރިއާޔަތް ކޮށް މައްސަަލަ ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެއީ ފަސް އަހަރު ފާއިތުވެގެން ދިޔައިރު އެއްބަސްވުމާއި ގުޅޭގޮތުން އެ ކުންފުންޏާއި އެއްވެސް މުއާމަލާތެއް ނުކޮށް އޮތުމަކީ އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ ގޮތަށް އަމަލުކުރުން ކަމަށްވާތީ ސަރުކާރުން މަތިކޮށްފައިވާ ޒިންމާއާއި ސަރުކާރުން ހިލާފުވެފައިވާކަމަށް ބަންޑާރަނައިބަށް ފެންނަކަމަށެވެ.

އެއްބަސްވުމާއި ހިލާފުވެގެން ބަދަލެއް ދޭ ހާލަތުގައިވެސް ދޭ ބަދަލަކީ ލިބުނު ބަދަލަކީ އެފަރާތައް ލިބުނު ގެއްލުމާއި އެއްވަރުގެ ބަދަލެއްކަން ކަށަވަރު ކުރުން ކަމަށް އުޝާމް ވިދަޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: