ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީދައްކަން ލިއުމެއް ފޮނުވާފައި ނެތް، ބޭރުކޮށްލި ޑްރަގް މައްސަލަ މުރާޖައާކުރަން ހުށަހަޅާނަން: ޕީޖީ

ރާއްޖެއަށް 72 ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު -- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ 300 ރުފިޔާ ދައްކާފައި ނުވާކަމަށް ބުނެ، ހައިކޯޓުން ބޭރުކޮށްލި މަސްތުވާތަކެތީގެ މައްސަލަ މުރާޖައާކޮށްދޭން އެދި ހުށަހަޅާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މިއީ މަސްދޯންޏެއްގައި 72 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި، ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައެެވެ.

2020 ވަނަ އަހަރު ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނިކޮތް އަތުލައިގަނެ މައްސަލައިގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތު ކުރަނީ އައްޑޫ، ހުޅުދޫ ދޭލިއާގެ، އިރުފާން ތަގިއްޔުއަށެވެ.

މި މައްސަލައިގައި 10 މީހަކު ހައްޔަރު ކުރި ނަމަވެސް، ޝަރީއަތް ހިންގީ ތިން މީހުންގެ މައްޗަށެވެ. އެއީ އިރުފާންގެ އިތުރުން، ދ. މާއެނބޫދޫ، އަނބުގަސްދޮށުގޭ އަހުމަދު ނަސީރާއި، ހ. ގާޑަންބިއުޓީ މުހައްމަދު އަކްރަމްގެ މައްޗަށެވެ.

ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެހެންވެ ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ. އެހެން ނަމަވެސް ހައިކޯޓުން މި މައްސަލަ ބޭރުކޮށްލާފައި ވަނީ، އަންގާފައިވާ މުއްދަތުގެ ތެރޭގައި ރެޖިސްޓްރޭޝަން ފީ ދައްކާފައި ނުވާކަމަށް ބުނެ އެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހައިކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް އެދި ހުށަހަޅާނެކަމަށެވެ.

ޕީޖީ ބުނި ގޮތުގައި ހައިކޯޓުގެ ރެޖިސްޓްރަރ ގެ ނިންމެވުމުގައި ރެޖިސްޓްރޭޝަން ފީ ދެއްކުމަށް އެންގި ލިއުން މި މަހުގެ 05 ގައި ފޮނުވިކަމަށް ބުނި ނަމަވެސް އެފަދަ އެއްވެސް މެއިލްއެއް ލިބިފައި ނުވާކަމަށެވެ. އަދި އެ ލިއުން ފޮނުވިކަމަށް ބުނާ ތާރީހާއި، އޭގެ ޖެހިގެން އައި ދުވަހު ވެސް ހައިކޯޓުގެ އެކި ލިއުންތައް މެއިލްއަށް ލިބިފައިވާއިރު މި މައްސަލައިގެ އެންގުމެއް ނުހިމެނޭކަމަށް ބުންޏެވެ.

އެހެންކަމުން މި މައްސަލަ މުރާޖައާކޮށްދޭން އެދި ހުށަހަޅާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި ބުނެފައި ވަނީ އެ ނިންމުމަކީ ހައިކޯޓުން އަމިއްލައަށް އިސްވެ މުރާޖައާ ކުރަންޖެހޭ ނިންމުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: