ހުޅުމާލެ ވިޔަފާރި ބަނދަރުގައި ބަހައްޓައިފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ގެއްލުމާއި ގުޅިގެން، އެކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އަހުމަދު އާރިފް އަދި ޒިވާރު އިސްމާއީލް ހިމެނެއެވެ.
އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުކުރީ 10 ދުވަހަށެވެ. ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުކުރީ 15 ދުވަހަށެވެ. ޒިވާރު އިސްމާއިލް ބަންދުކުރީ 15 ދުވަހަށްކަމަށްވާއިރު، އޭނާއަކީ ކަސްޓަމްސްގެ އިސް މުވައްޒަފެކެވެ. މަސައްކަތް ކުރަމުން އައީ ހުޅުމާލެ ޕޯޓުގައެވެ. މުއާޒް އަލީ ބަންދުކުރީ ފަސް ދުވަހަށްކަމަށްވާއިރު، އޭނާއަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ.
މި މައްސަލައިގެ ތަހުގީގަށް 12 މީހެއްގެ ފުރުން މަނާކުރެވިފައިވާއިރު، ބައެއް އުޅަނދުތަކާއި ތަންތަން ބަލާ ފާސްކުރަން ވަނީ ފަށާފައެވެ. އަދި މައްސަލައާއި ގުޅޭ ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެމުން އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައިކަމަށެވެ. އަދި އިތުރު މުވައްޒަފަކު ވަނީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްއިކަމަށެވެ. ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދާކަމަށްވެސް މައުލޫމާތުދީފައިވެއެވެ.
މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، ކުންފުނީގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށްކަމަށާއި، މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަޙުޤީޤަށް އެ ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންކަމަށްވެސް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުން ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.
އެ ކުންފުނިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައި.އެސް.ޕީ.އެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިންކަމަށް ފާހަގަކޮށް އެމްޕީއެލްއިލް އިން ބުނީ މި ޕޯޓަކީ ދާއިމީކޮށް އައި.އެސް.ޕީ.އެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއްކަމަށެވެ.

