ސްޕެޝަލް އިކޮނޮމިކް ޒޯންގެ (އެސްއީޒެޑް) ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު ބަލައިގަތުމަށް ނެގުނު ވޯޓުގައި 41 މެންބަރުން ވޯޓުދެއްވާފައިވަނީ ފެންނަކަމަށެވެ. އަދި 5 މެންބަރުން ވޯޓުދެއްވާފައިވަނީ ނުފެންނަކަމަށެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. މި އިސްލާހުގައި ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓްގެ މާނައަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ. މި ގޮތުން، މަދުވެގެން ބައި ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ހިމެނޭ މަޝްރޫއުތަކުގެ ތެރޭގައި ޓުއަރިސްޓް ހޮޓާތަކާއި، ސާވިސްޑް ރެސިޑެންސީ ރިއަލް އެސްޓޭޓް، އެންޓަރޓެއިންމަންޓް ވަސީލަތްތަކާއި، ސްޕޯޓިންގ ރިއަލް އެސްޓޭޓް ހިމެނެއެވެ.
އިސްލާހުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓްގެ މުހިންމުކަން ފާހަގަކޮށް، މިފަދަ މަޝްރޫއުތަކުގައިވެސް ބައި ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓެއް ހިމެނެންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ހޯދުމަށް އަމާޒުކޮށްފައިވާ ބަދަލެކެވެ.
ޕްރޮޕަޓީ ޓްރާންސްފަރ ޓެކްސްއާ ގުޅޭގޮތުން، އެސްއީޒެޑް ޒޯންތަކުގައި ހިމެނޭ ރިސޯޓެއްގެ ވިލާ ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޭނަމަ، ވިއްކާލެވޭ އަގުގެ 4 އިންސައްތަ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެއެވެ. މި ޓެކްސް ދެއްކުމުގެ ޒިންމާ އުފުލަންޖެހެނީ ކޮޓަރި ވިއްކާ ފަރާތުން ކަމުގައިވީނަމަވެސް، ޓެކްސް ނަގަންޖެހެނީ ގަންނަ ފަރާތުގެ އަތުންނެވެ.
ބިލު ހުށަހެޅުއްވި މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވި ގޮތުގައި، މި އިސްލާހުތަކަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ، އަދި ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިވެގެންދާނެ ބަދަލުތަކެކެވެ. އަދި މީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީވެގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

