ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ހިޔާނާތަށް މަގުފަހިކޮށްދިން މުވައްޒަފުންގެ ލިސްޓެއް ހޯދައި، ފިޔަަވަޅު އަޅަނީ!

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ ހިޔާނާތް ހިނގާފައިވާ މައްސަލައިގައި، އެކަމަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިން މުވައްޒަފުންނާއި ގުޅޭ ލިސްޓެއް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ހާއްސަ އޮޑިޓާއި އެކު، އެ ކުންފުނީގެ ތެރޭގައި މިދިޔަ ސަރުކާރުގައި ހިނގާފައި ހުރި ގިނަ ކޮރަޕްޝަނުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ފެނަކައިގެ މާލީ ހާލަތު ދިޔައީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.

ރިޕޯޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ފެނަކައިން މުދަލާއި ހިދުމަތް ހޯދުމަށް 8.83 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ރިޕޯޓުން އެނގޭ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކުންފުނިން 3.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުއްޓެވެ.

ރިޕޯޓުގައި ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އާއިލީ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ދިނުމާއި، ވާދަވެރި ބީލަމަކާ ނުލައި މަސައްކަތްތައް ހަވާލުކުރުން ހިމެނެއެވެ. މީގެ އިތުރުން މާކެޓު ރޭޓަށް ވުރެ ބޮޑު އަގުގައި ހަރަދުތައް ކޮށްފައިވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މި މައްސަލައިގެ ތަހުގީގުތައް އަވަސް ކުރުމަށް ކަމާއި ބެހޭ މުވައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާއިރު، މަޖިލީހަށް ވެސް ވަނީ އެކަމާއި ގުޅޭ ގަރާރެއް ހުށަހަޅާފަ އެވެ.

މި މަސައްކަތް ކުރިޔަށް ގެންދަނީ، މާލިއްޔަތު ކޮމިޓީންނެވެ. އަދި ރިޕޯޓާއި ގުޅުން ހުރި ކަންކަން އޮޅުންފިލުވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ފެނަކައާއި ވެސް ބައްދަލު ކުރި އެވެ. ވަކިވަކީން ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ ދައުރުގައި އުސޫލާއި ހިލާފަށް ހިންގާފައި ހުރި ގިނަ މުއާމަލާތްތައް ފާހަގަކުރައްވާފަ އެވެ. އަދި މި ހިޔާނާތް ހިންގާފައި ވަނީ ގިނަ ބަޔަކު ޝާމިލުވެގެންކަމަށް ވެސް އޮޑިޓު އޮފީހުން ބުންޏެވެ.

މައްސަލައިގައި ފެނަކައާއި އެކު އޮތް ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ގަރާރުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައި ފިޔަވަޅު އެޅުމަށް މަޖިލީހަށް ސުންގަޑި ދީފައިވާނެކަމަށެވެ. ކޮމިޓީން އެކުވާލާނީ ތަފްސީލީ ރިޕޯޓެއް ނޫން ނަމަވެސް، ނާޒިމް ވިދާޅުވި ގޮތުގައި ގަރާރުގައި ބުނެފައިވާ ކަންކަމުގެ ތެރެއިން މައްސަލަތައް ކުރިޔަށް ގެންދެވޭނެ އެވެ.

ގަރާރުގައި ބަޔާންކޮށްފައި ހުރި ކަންކަން ފުރިހަމަ ކުރުމަށްޓަކައި، ނާޒިމް އެދިވަޑައިގަތީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ހިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ލިސްޓެއް ދިނުމަށެވެ. މި ރިޕޯޓު ކުންފުނިން ކޮމިޓީއަށް ހުށަހަޅާއިރު، އެ މުވައްޒަފުންގެ ޝާމިލުވުން ހިޔާނާތުގައި އޮތީ ކިހާ މިންވަރަކަށްތޯ އާއި، އެހީތެރިކަން ފޯރުކޮށްދީ މަސައްކަތް ކުރީ ކޮން ގޮތަކުންތޯ ވެސް ހިމެނުމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މުޅި މައްސަލަ ސައީދާއި ހަމައިން ނިންމާލެވެން ނެތެވެ. އެހެންކަމުން ފެނަކައަށް ފައިސާ ޕަމްޕު ކުރުމުގައި އެހީވި، ފިނޭންސް މިނިސްޓްރީ ވެސް މިކަމުގައި ޒިންމާދާރު ކުރުވަން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ. މިފަދަ ބޮޑެތި ހިޔާނާތްތައް ހިންގުމާއި، ވައްކަން ހުއްޓުވެން އޮތް މަގަކީ އެއީކަމަށްވުމާއި އެކު ފިނޭންސަށް ފިޔަވަޅު އަޅާނެކަމަށް ނާޒިމް ވިދާޅުވި އެވެ. އެއަށް ފަހު މުވައްޒަފުންގެ ބައިވެރިވުން އޮތް ގޮތް ބަޔާންކޮށް ހުށަހަޅާ ލިސްޓު ލިބުމުން، ކުންފުނިން އެ މުވައްޒަފުންނާއި މެދު އަޅަންވީ ކޮން ފިޔަވަޅުތަކެއްކަން ކޮމިޓިން ލަފާދޭނެކަމަށް ނާޒިމް ވިދާޅުވި އެވެ.

އަނެއްކާ ފިނޭންސް މިނިސްޓްރީ ވެސް އެބަޖެހޭ މި ލާރި ޕަމްޕު ކުރީތީ ވެސް ޒިންމާވާން… އެހެންވީމާ އަޅުގަނޑުމެން އެބަ ގަސްތު ކުރަން އެ ބޭފުޅުން ޒިންމާކުރުވަން… އެއީ ކުރިއަށް އޮތް ތަނުގައި މިކަން ހުއްޓުވެން އޮތީ ހަމައެކަނި ގޮތަކީ އެއީ ކަމަށް ވާތީ… އެހެންވީމާ އަޅުގަނޑު މިހާރު ބޭނުން ވަނީ މި ހިޔާނާތް ހިންގުމުގައި ޝާމިލުވި މުވައްޒަފުންގެ ލިސްޓެއް… މިހާރު ފެނަކައިގައި ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން މި ހިޔާނާތުގައި އެކި މިންވަރަށް ބައިވެރިވި.. ޕްރޮކިއޭމަންޓުގެ ފަރާތުން މިކަން ކުރި ކަމަށް ވިޔަސް މިކަން ކުރާނީ ކޮންމެ ވެސް ބަޔަކު.. އެހެންވީމާ އެ މުވައްޒަފަކު އެތާ ހުރެއްޖެކަމަށް ވަންޏާ އަޅުގަނޑުމެންނަށް އޭގެ ލިސްޓު ދެއްވށޭ. އޭރުން އަޅުގަނޑުމެން މި ކޮމިޓީގެ ފަރާތުން ނިންމާފައި އަޅުގަނޑުމެން މުވައްޒަފުންނާއި ދޭތެރޭ ކަން ކުރަން ވީ ގޮތް އަންގާނަން… އޭރަށް އެމްޑީއަށް ވެސް ފަސޭހަވާނެ ކަންނޭނގެ. އެ ކޮން ބައެއްކަމާއި އެ މީހުން ކުރީ ކޮން ކަމެއް ކަމާއި އެނގޭ ގޮތަށް އަޅުގަނޑުމެންނަށް އެކަން އަންގައި ދެއްވާށޭ.

މީގެއިތުރުން އެހެން މައްސަލައެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ، ފެނަކައިގެ ބޯޑުން އެއްވެސް މިންވަރަކަށް މިދިޔަ ދައުރުގައި ޒިންމާ އަދާނުކުރާކަމަށް ބުނި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮމިޓީގައި ވާހަކަ ދައްކާފައިވުމެވެ. ނާޒިމް ވިދާޅުވީ ފަސް މިލިއަން ރުފިޔާގެ މަތީގެ މަސައްކަތް ކުރަން ޖެހޭނީ، ބޯޑަށް ކަރުދާހެއް ހުށަހަޅައި އެކަމަށް މަޝްވަރާކޮށްގެން ނަމަވެސް، އެގޮތަށް ފެނަކައިން އަމަލުކޮށްފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ހަތް މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ބެލެވެން އޮތް މައްސަލަތައް ވެސް ހިމެނޭކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ބޯޑުގެ ދައުރެއް ނެތި ނިންމާ މިފަދަ ނިންމުންތަކުގެ، ޒަމާންވީ ސަގާފަތް ފެނަކައިގައި ނިމުމަކަށް ގެންނަން ޖެހެއެވެ. އަދި ބޯޑުގެ ދައުރެއް ނެތި ބޮޑެތި ނިންމުންތައް ނިންމާނަމަ، ބޯޑު ޒިންމާދާރު ނުވާނެ ކަން ފާހަަކޮށް ވިދާޅުވީ މި މައްސަލައިގައި ވެސް ބޯޑުން އެ ބަހަނާ ބޭނުންކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: