ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ވޯޓާއި ގުޅިގެން ރުޅިވެރިކަން އިތުރު ވިޔަ ނުދިނުމަށް ބާރުއަޅާނެ ކަމަށް އުންމީދުކުރަން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ހުޅުދޫ/މީދޫ އަދި ފޭދޫގައި ވަކި ކައުންސިލެއްގެ ގޮތުގައި ހެދުމާމެދު ނެގި ރެފަރެންޑަމްގެ ނަތީޖާއާ ގުޅިގެން މުޖުތަމަޢުތަކުގެ މެދުގައި ރުޅިވެރިކަން އިތުރުވެގެން ނުދިޔުމަށް ހުރިހާ ފަރާތްތަކުންވެސް ބާރު އަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސް މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، ރެފެރެންޑަމްގައި ވޯޓު ދިން މީހުންގެ ތެރެއިން ވަކި ކައުންސިލެއް ހަދަން 2176 ވޯޓު ލިބުނު އިރު، ސިޓީއެއްގެ ގޮތުގައި ބާއްވަން 2251 ވޯޓު ލިބުނު ކަމަށެވެ. މުޅި ޖުމްލައަށް ބަލާއިރު ވަކި ނުވެ، ސިޓީއެއްގެ ގޮތުގައި ބެހެއްޓުމަށް ތާއީދު ކުރާ އަދަދު އިތުރުވީ ނަމަވެސް، މީދޫއާއި ހުޅުދޫގެ ވޯޓު ދިން މީހުންގެ ބޮޑު އަގުލަބިއްޔަތު ވޯޓު ދިނީ ސިޓީން ވަކިވާން ކަމަށް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

މި ނަތީޖާގެ ސަބަބުން ސިޓީގެ ތެރޭގައި އެކި ފެކްޝަންތަކަށް ރައްޔިތުން ބެހި، މަސްރަހު އިތުރަށް ހޫނުވެދާނެ ކަމުގެ ނުރައްކާ އޮތުމުން، ނަޝީދު ވަނީ ހުރިހާ އެންމެންވެސް ރުޅިވެރިކަން އިތުރު ވިޔަ ނުދިނުމަށް ބާރު އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިއީ މުޖުތަމަޢުގެ ހަމަޖެހުމަށްޓަކާ އެކުވެރިކަމަށް އިސްކަންދިނުމަށް ކުރެއްވި އިލްތިމާސެކެވެ.

ރެފެރެންޑަމްގެ ތަފްސީލުތަކަށް ބަލާއިރު، ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 9576 މީހަކަށެވެ. އެއީ ފޭދޫއިން 4368 މީހުން، މީދޫއިން 2341 މީހުން އަދި ހުޅުދޫއިން 2867 މީހުންނެވެ. ނަމަވެސް ވޯޓުލީ 4427 މީހުންކަން ފާހަގަކުރެވޭއިރު، ވޯޓުލެވުނު ނިސްބަތް ވަރަށް ދަށްކަން ވަނީ ހާމަވެފައެވެ.

ރަށުތަކުގެ ތަފްސީލީ ނަތީޖާއަށް ބަލާއިރު، ފޭދޫގައި ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް 615 މީހުން ވޯޓު ދިންއިރު، ނުފެންނަ ކަމަށް 1782 މީހުން ވޯޓު ދިނެވެ.

މީދޫގައި ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް 841 މީހުން ވޯޓު ދިންއިރު، ނުފެންނަ ކަމަށް 144 މީހުން ވޯޓު ދިނެވެ. އަދި ހުޅުދޫގައި ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް 720 މީހުން ވޯޓު ދިންއިރު، ނުފެންނަ ކަމަށް 325 މީހުން ވޯޓު ދިނެވެ. މި ތަފާސްހިސާބުތަކުން ފެނިގެންދަނީ ސިޓީގެ ތެރޭގައި އެކި ކަހަލަ ހިޔާލުތަފާތުވުންތަކެއް ހުރި މިންވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: