2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލު ކޮށްފިއެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިކަން އިއުލާންކުރައްވާފައެވެ.
މި ބަޖެޓުގައި ހިމަނާނެ ބައެއް މުހިންމު ކަންކަމާ ބެހޭ ގޮތުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ވާހަކަދައްކަވާފައެވެ. ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ދެއްވާފައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅާނީ، ވައުދުތައް ފުއްދުމަށް ބޭނުންވާ ހުރިހާ މަޝްރޫއުތައް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ވައުދުތައް ފުއްދުމުގެ މަސައްކަތް މި ދެއަހަރަށް ބަހާލައިގެން ކުރިޔަށް ގެންދާނެކަން ސަރުކާރުން މީގެ ކުރިން ވެސް އިއުލާނުކޮށްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއާއި އެކު ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ރާވާފައިވާ ގިނަ ކަންކަން ބަޖެޓުން ފަހިވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެއިތުރަށް ހަމަ އިތުރު ކަންކަން ވެސް ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގެ ގޮތުން ފަހިވާ ގޮތަށް ބަޖެޓު މި ހުށަހަޅަނީ. މި ގޮތުން ބަލާ ނަމަ އެއް ކަމަކަށް އަޅުގަނޑުމެން ނިންމާފައި މި އޮތީ ގާނޫނަށް ގާނޫނުއަސާސީގެ ގެންނަ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލަން.. އަތޮޅު ކައުންސިލްތައް އުވާލީމަ މި ލިބޭ ފައިސާ އަޅުގަނޑުމެން މި ބަހާލަނީ ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ކުރަން… އަތޮޅު ކައުންސިލަރުން އުވުނީމަ އެ ސޭވް ވާ އަމައުންޓް ހޭދަ މިކުރަނީ ރައްޔިތުންގެ އިޖުތިމާޢީ ކަންކަމަށް އޭގެން ފަހިވާ ގޮތަށް
ގާނޫނުއަސާސީއަށް ގެނައުމަށް ގަސްދު ކުރައްވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އަތޮޅު ކައުންސިލްތައް އުވާލުމުން ވެސް ބަޖެޓަށް ބައެއް އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިތުރުވާ ފައިސާ، ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެރަށެއްގައި ހުންނަ އިޖުތިމާއީ ގޮތުން ރައްޔިތުންގެ ތެރޭގައި ހުރި ވަލްނަރަބަލް އެހީ ބޭނުންވާ ފަރާތްތަކަށް ބަޖެޓުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

